11 Sep 2017, 22:51
މިޔަންމާގެ ރަހީން ސްޓޭޓުގައި އަނިޔާލިބެމުންދާ ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ރާއްޖެޓީވީން އިސްނަގައިގެން ހިންގި ޓެލެތޯނަށް 3.1 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ރޮހިންޔާ މުސްލިމުންނާއެކު ދިވެހިން ތިބިކަން ހާމަކޮށްދިނުމަށް ރާއްޖެޓީވީން ހިންގި އެ ޓެލެތޯން ފެށީ އިއްޔެ މެންދުރު އެވެ. އަދި މިރޭގެ 8:30 އަށް ކުރިއަށް ގެންދިޔަ އެ ޓެލެތޯންގައި އެ ޓީވީ ސްޓޭޝަންގެ ބޭރުގައި ފަންޑު ފޮއްޓެއް އަދި މޯބައިލް ފަންޑު ފޮއްޓެއް ގެންގުޅުއިރު ޓެލެތޯނަށް ހާއްސަ ޓީޝާޓެއް ހަދާ ވިއްކާފައިވެއެވެ.
އޭގެ އިތުރުން ފޯނުންނާއި ބޭންކު މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެ ގޮތް ހެދިއިރު، ރާއްޖެ ޓީވީއާ ގުޅިގެން އަތޮޅު ތެރޭގެ ރަށްތަކު އާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުންނާއި ވިޔަފާރިތައް އަދި އަމިއްލަ ފަރުދުން ވެސް ވަނީ ފަންޑު ފޮށިތައް ބަހައްޓާ އެ ފައިސާ ރާއްޖެޓީވީއަށް ފޮނުވާފައެވެ.
އެގޮތުން ރާއްޖެޓީވީގެ ޓެލެތޯނާ ގުޅިގެން ރާއްޖޭގެ 18 ރަށެއްގައި ފަންޑުފޮށިތައް ބެހެއްޓިއިރު، ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިިޔާޒު މޫސާ ވިދާޅުވި ގޮތުގައި، ރަށްރަށުގައި ބެހެއްޓި ފަންޑު ފޮށިތައް ގުނާނީ އެރަށެއްގެ ކައުންސިލުން ކަމަށާއި އަދި ފައިސާ ގުނުމަށްފަހު އެކަމުގެ ލިޔުންތައް ރާއްޖެޓީވީއަށް ފޮނުވާނެ ކަމަށެވެ.
އެ ފައިސާތައް މިހާރު ގުނަމުންދާއިރު އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކުންނާއި ފިހާރަކުން އެ ތަންތަނުގެ އެއްދުވަހުގެ ސޭލްސްގެ 50 ޕަސެންޓް ނުވަތަ 25 ޕަސެންޓް ދޭން ނިންމާފައިވާ ކަމަށް ވެސް ފިޔާޒު ވިދާޅުވިއެވެ.
ރާއްޖެޓީވީގެ ޓެލެތޯންގެ ފައިސާ ރޮހިންޔާ މުސްލިމުންނަށް ހަދިޔާ ކުރާނީ ދިވެހި ރެޑް ކުރެސެންޓު މެދުވެރިކޮށް ރޮހިންޔާއަށް މިހާރުވެސް އެހީވެދޭ ބަންގުލަދޭޝްގެ ފަރާތްތަކަށެވެ. އަދި ޓެލެތޯނަށް ލިބުނު ފައިސާގެ އޮޑިޓްގެ ކަންތައް ބެލެހެއްޓީ މީރާގައި ރަޖިސްޓްރީ ކޮށްފައިވާ އޭ ގްރޭޑްގެ އޮޑިޓް ފާމެއް ކަމަށް ރާއްޖެޓީވީން ބުނެއެވެ.
"އަޅުނގަޑުމެންނަށް ބައެއް ފަރާތްތަކުން ގުޅާފަ އަންނައުނު ފަދަ ތަކެތި ވެސް ހަދިޔާކުރަން ބޭނުންވި ކަމަށް ބުނި. ނަމަވެސް އެތަކެތި ކަލެކްޓުކޮށް ފޮނުވުމަކީ ބުރަ މަސައްކަތަކަށްވެފައި ރާއްޖެޓީވީ އިން އެކަނި މިކަމުގައި އުޅޭޓީ އުދަނގޫތަކެއް ކުރިމަތިވާނެތީ އެތަކެތި ނުނެގީ،" ފިޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޓެލެތޯން ފެށުމުގެ ކުރިން ރޮހިންޔާ މުސްލިމުންނަށް އެހީވުމުގައި ބަންގުލަދޭޝްގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާ މަޝްވަރާ ކުރި ކަމަށެވެ. އެގޮތުން މިއަދު ރޮހިންޔާގެ މީހުންނަށް އެންމެ ބޮޑަށް ބޭނުންވަނީ ކާބޯތަކެއްޗާއި ސިއްހީ އެހީގެ އިތުރުން ބޯ ހިޔާވަހިކަން ކަމަށް މައުލޫމާތު ދިން ކަމަށް ފިޔާޒު ވިދާޅުވިއެވެ.
"އަޅުނގަޑުމެން މި ހިންގީ ގާތްގަނޑަކަށް 30 ގަޑިއިރުގެ ޓެލެތޯނެއް. މި ޓެލެތޯނުން ދިވެހިންގެ ދީލަތި ކަމާއި އިންސާނިއްޔަތުކަން ވަރަށް ރަނގަޅަށް ފެނިގެން ހިނގައްޖެ،" ފިޔާޒު ވިދާޅުވިއެވެ.
މިޔަންމާގައި މިހާރު ހިނގަމުންދާ އަނިޔާވެރިކަަން ފެށުނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ރޮހިންޔާ ދަރިކޮޅަށް ނިސްބަތްވާ ކުޑަ ގްރޫޕަކުން ''ބޯޑާ ޕޯސްޓް''ތަކަކަށް ހަމަލާދިނުމާ ގުޅިގެން ކަމަށްވެ އެވެ.
އެކަމުގެ ބަދަލު ހިފުމުގެ ގޮތުން މިޔަންމާގެ އަސްކަރިއްޔާއިން ވަނީ ރަހީން ސްޓޭޓަށް ވަދެގަނެ އެތަނުގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންގެ ގެތަކުގައި ހުޅުޖަހާ، އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަނެ، އަންހެނުންނާއި ކުޑަކުދިން ރޭޕްކޮށް، ކުޑަކުދިންގެ ކަރު ބުރިކޮށްފައެވެ.
އެ އަނިޔާވެރިކަމަށް ކެތްނުކުރެވި މިޔަންމާ ދޫކޮށް އަވަށްޓެރި ބަންގާޅަށް މިޔަންމާ މުސްލިމުން ހިޖުރަކުރަމުންދާއިރު ބަނގުލަދޭޝް ސަރުކާރުން ބުނާ ގޮތުގައި، އެ ގައުމަށް އެތެރެވި ރޮހިންޔާ މީހުންގެ އަދަދު ވަނީ ތިން ލައްކައަށްވުރެ ގިނަ ވެފައެވެ.
އަދި ވޭތުވެދިޔަ އަހަރުތަކުގައި ބަންގުލަދޭޝްގައި ހަތަރު ލައްކަ ރޮހިންޔާ ރެފިއުޖީން ދިރިއުޅެމުން ދިޔަ ނަަމަވެސް، މިޔަންމާގައި ފަހުން ފެށުނު އަނިޔާވެރިކަމާ ހަމަނުޖެހުންތަކުގައި ބަންގުލަދޭޝަށް އެތެރެވި ރޮހިންޔާ މުސްލިމުންނާއެކު އެ އަދަދު ހަތް ލައްކައަށް އިތުރުވެފައިވާ އެގައުމުގެ ސަރުކާރުން ބުނެއެވެ.