އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ފަހަތުންް އަރައި، އއ. މާޅޮސް ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބު، ތާވަލުގެ ތިން ވަނައަށް ޖެހިލައިފިއެވެ.

ޓީސީއަށް ލީގުގެ ތިން ވަނަ މަގާމު ލިބެނީ ކުރިން ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސްއަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ލިބުނު ދިހަ ޕޮއިންޓާއެކުއެވެ. މާޅޮސް އަދިވެސް އޮތީ ދެ ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގައެވެ. ލީގުގެ އެއް ވަނައިގައި އޮތީ 12 ޕޮއިންޓާއެކު ނިއު ރޭޑިއަންޓެވެ.

މިއަދު ހަވީރު ކުޅުނު އެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ މާޅޮހުންނެވެ. އެ ލަނޑު މެޗުގެ ހަތް ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ އޭންހަލް ކަރާސްކޯސާ މުނޯޒެވެ. އެ ލަނޑަށްފަހު ޓީސީން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 21 ވަނަ މިނެޓުގައި އެ ލަނޑު ޓީސީއަށް ޖަހައިދިނީ ސްޓެވާޓް ކޯނެލިއަސްއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ދެން ފެނިގެންދިޔައީ ޓީސީ ޑޮމިނޭޓުކޮށް ކުޅެމުންދިޔަ މަންޒަރެވެ. ނަތީޖާއަކަށްވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓީސީގެ އިބްރާހިމް މަހުދީ ލަނޑެއް ޖަހައި، އެ ޓީމަށް މެޗުގެ ލީޑު ހޯދައި ދިނުމެވެ. ފުރަތަމަ ހާފު ނިމުނީ 2-1 ލަނޑުން ޓީސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ޓީސީން ގިނަ ހަމަލާތަކެއް އުފައްދައި މާޅޮސްގެ ގޯލަށް ނުރައްކާ ކުރިއެވެ. މެޗުގެ 53 ވަނަ މިނެޓުގައި ޓީސީން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފައެވެ. އެ ލަނޑު ޓީސީއަށް ކާމިޔާބު ކޮށްދިނީ އަލީ ނާފިއުއެވެ.

މާޅޮހުން މެޗަށް އެނބުރި އައުމަށް ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ލަނޑެއް ޖަހައި ފަރަގު ކުޑަ ކުރުމެވެ. މާޅޮހަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އޭންހަލް ކަރާސްކޯސާ މުނޯޒެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެ މެޗުގައި ބައްދަލުކުރާނީ ދެ ވަނައިގައި އޮތް މާޒިޔާއާއި ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސްއެވެ.