އާސެނަލްގެ ޗިލީ ވިންގާ އެލެކްސިސް ސަންޗޭޒްއަކީ ފަލަ ކުޅުންތެރިއެއް ނޫން ކަމަށާއި އޭނާ ހުރީ އެ ކްލަބަށް ފުރިހަމައަށް ހިދުމަތް ކޮށްދޭން ތައްޔާރަށް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ނިމިގެންދިޔަ ޓްރާންސްފާ މުއްދަތުގެ ތެރޭގައި ސަންޗޭޒް، މެންޗެސްޓާ ސިޓީއާ ގުޅުމާ ގާތަށް ދިޔައެވެ. ސިޓީން ސަންޗޭޒްއަށް ހުށަހެޅި 60 މިލިއަން ޕައުންޑްގެ އަގު ގަބޫލުކުރުމަށް އާސެނަލުން އެއްބަސްވި ނަމަވެސް، ފަހު ވަގުތު އެކަން ނިމުމަކަށް ދިޔައީ އެ ކްލަބުން މޮނާކޯގެ ތޯމަސް ލެމާ ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމުންނެވެ.

އާސެނަލާއެކު ސަންޗޭޒް ހަދާފައިވާ އެއްބަސްވުން މިސީޒަން ނިމުމުން ހަމަވާނެއެވެ. އެހެންކަމުން އާސެނަލްގެ އެއްބަސްވުން ސަންޗޭޒް އާ ނުކޮށްފިނަމަ، މިސީޒަން ނިމުމުން އޭނާ އެ ކްލަބު ދޫކޮށް ދާނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ސަންޗޭޒް ގެންދިއުމުގެ މަސައްކަތް ސިޓީއަށް ނާކާމިޔާބުވި ނަމަވެސް، ޖެނުއަރީ ޓްރާންސްފާގައި އޭނާ ހޯދުމުގެ މަސައްކަތް އަނެއްކާވެސް ފަށާނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ކުރިން ބާސެލޯނާއަށް ކުޅުނު ސަންޗޭޒް ނެގި ދިގު ޗުއްޓީއަށްފަހު، މި ސީޒަނުގައި އާސެނަލަށް އޭނާ ކުޅެފައި ވަނީ އެންމެ ދެ މެޗުގައެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 4-0 ލަނޑުގެ ނަތީޖާއަކުން އާސެނަލް ބަލިވި މެޗުގެ ފުރަތަމަ 11ގައި ހިމެނިގެން ސަންޗޭޒް ކުޅުނު ނަމަވެސް، މިދިޔަ ހޮނިހިރު ދުވަހު ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ފެނިގެންދިޔައީ އެންމެ 15 މިނެޓުގައެވެ.

ބޯންމައުތާ ދެކޮޅަށް ކުޅެ، އާސެނަލް މޮޅުވި މެޗުގައި ކުޑަ ވަގުތު ކޮޅަކަށް ސަންޗޭޒް ފެނުމާއެކު އޭނާއަކީ ފަލަ ކުޅުންތެރިއެއް ކަމަށް ބުނެ، ހަބަރުތަކެއް ފެތުރެމުންދިޔައެވެ. ނަމަވެސް އާސެނަލްގެ ކޯޗު އާސެން ވެންގާ ވަނީ އެ ހަބަރުތައް ދޮގުކޮށް، އެ މެޗުގައި ސަންޗޭޒް ގިނަ ވަގުތު ކުޅެފައިނުވަނީ ރަނގަޅަށް ތައްޔާރުވެފައި ނުވުމުން ކަމަށް ބުނެފައެވެ.

"ސަންޗޭޒަކީ ޑިސިޕިލް ކުޅުންތެރިއެއް، ވަރަށް ސީރިއަށް އަދި ހިދުމަތްކޮށްދޭން ބޭނުންވާ ކުޅުންތެރިއެއް. ޕްރިމިއާ ލީގު އަދި ޔޫރޮޕާ ލީގުގައި ކުޅެން ތައްޔާރަށް ހުރި ކަން އޭނާ އަހަރެން ގާތު ވެސް ބުނި. ޗިލީ ގައުމީ ޓީމާއެކު ހިތި ތަޖުރިބާއެއް ކުރުމަށްފަހު ވެސް އޭނާ މިހާރު ހުރީ ކުޅެން ތައްޔާރަށް. ސަންޗޭޒް ފަލައެއް ނޫން. އޭނާ ގައިގައި ހުރި ސަރުބީގެ އިންސައްތައަކީ ދިހައެއް. އެހެންވީމާ އެއީ ފަލަވުމެއް ނޫން. މޮޅުނުވާނަމަ މީހުން އެކި އެއްޗެހި ކިޔާ، މައްސަލަތަކާ ކުރިމަތި ކުރުވަން އުޅޭނެ،" އާސެނަލްގެ ކޯޗު ބުންޏެވެ.

ވެންގާ ބުނީ، ހަފްތާއަކު ތިން މެޗު ކުޅެން ސަންޗޭޒް އަދި މުޅިން ފިޓް ވެފައިނުވާ ކަމަށާއި ޗިލީ ގައުމީ ޓީމަށް ވެސް ކުޅެފައި ވަނީ އޭނާ މުޅިން ތައްޔާރުވެފައި ނުވަނިކޮށް ކަމަށެވެ.