ޤާހިރާ (27 ޖުލައި) : މަޤާމުން ދުރުކުރެވިފައިވާ މިސްރުގެ ކުރީގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކް ހައިހޫނުކަމުގެ ހަޅުތާލެއް ކުރައްވަމުން ގެންދަވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

މިސްރުގެ މިޑްލްސް އީސްޓް ނޫސް އެޖެންސީން ބުނިގޮތުގައި ފަރިއްކުޅުއްވުމަށް ދެކޮޅު ހައްދަވަމުން ގެންދެވުމުގެ ސަބަބުން މުބާރަކްގެ ހަށިކޮޅު ވަރުދެރަވެ އޭނާވަނީ ނިކަމެތިވެފައެވެ.

ފަރިއްކުޅުއްވުމަށް މުބާރަކް ދެކޮޅު ހައްދަވަނީ އޭނާގެ ވެރިކަމާ ދެކޮޅަށް ތެދުވި މިސްރު ރައްޔިތުންގެ ގަޔަށް ބަޑިޖެހުމަށް އަމުރުކުރެއްވި ކަމުގެ ތުހުމަތުގައި އަންނަ ހަފްތާގައި އޭނާ ކޯޓަށް ޙާޒިރުކުރުމަށް ހަމަޖެހިފައިވާތީ އެކަމުން ސަލާމަތްވުމުގެ ބޭނުމުގައި ކަމަށް މިސްރުގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އަދި މުބާރަކަށް ކެންސަރުޖެހިފައިވާ ކަމަށްބުނެ އޭނާގެ ޤާނޫނީ ވަކީލުންގެ ޓީމުން ދައްކާވާހަކަތަކަކީ ވެސް ޝަރީއަތަށް ފިއްލެވުމަށްޓަކައި މުބާރަކް ގެންގުޅުއްވާ އުކުޅެއް ކަމަށް އޭނާގެ މައްޗަށް ޝަރީޢަތް ހިންގަން ބޭނުންވާ ފަރާތްތަކުން ދެކެއެވެ.

މިދިޔަ ޖަނަވަރީ މަހު މުބާރަކްގެ ވެރިކަމާ ދެކޮޅަށް މުޒާހަރާކުރި އެތަށް މިލިޔަން މީހުންގެ ގަޔަށް މިސްރުގެ ސަލާމަތީ ބާރުތަކުން ބަޑިޖަހައި 800 އެއްހާ މީހުން މަރާލާފައިވެއެވެ. މުޒާހަރާކުރި މީހުންގެ ގަޔަށް ބަޑިޖެހުމަށް އަމުރުކުރެއްވީ މުބާރަކް ކަމަށް ކުރެވިފައިވާ ތުހުމަތުތައް ޝަރީޢަތުން ސާބިތު ވެއްޖެ ނަމަ އުމުރަށް ޖަލަށްލުމުގެ ޙުކުމެއް އޭނާގެ މައްޗަށް އަންނާނެ ކަމަށް ޤާނޫނީ ވަކީލުން ބުނެއެވެ. -- އަލްޖަޒީރާ