ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ދިވެހި ސަރުކާރުން އިސްނަގައިގެން ފެށި ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން އެމްޕީއެލްގެ މެނޭޖުމަންޓުން އިސްނަގައިގެން ފަންޑްރެއިޒް ކުރުމަށްޓަކައި އެކުންފުނިން ފަންޑު ފޮއްޓެއް ބަހައްޓައިފިއެވެ.

އެމްޕީއެލްގެ ފަންޑުފޮށި ހުޅުވުމަށް މިއަދު އެކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި އެފަންޑު ފޮށި ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްވަވަމުން މިނިސްޓަރު ވިދާޅުވީ އަލުގަނޑުމެން މުސްލިމުންނަކީ ކޮންމެ ތަނެއްގައި ތިބިކަމުގައިވިޔަސް އަޅުގަނޑުމެންނަކީ އެއްބައެއް ކަމަށާއި އަދި އެއްހަށިގަނޑުގެ މިސާލެއް ކަމަށް ކީރިތި ރަސޫލާ ވެސް ހަދީސް ކުރައްވައިފައިވާ ކަމަށެވެ. އަދި ﷲ ގެ މަގުގައި ހޭދަ ކުރެވޭ ސަދަގާތަކީ އަޅުގަނޑުމެންގެ އަތުން ގެއްލޭނެ އެއްޗެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް އެމްޕީއެލްއިން ފަންޑުފޮށި ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާރުގައި އިސްލާމިކް މިނިސްޓަރު އަހަުމަދު ޒިޔާދު ވާހަކަދައްކަވަނީ --

"އަޅުގަނޑުމެން މުސްލިމުންނަކީ ކޮންމެ ތަނެއްގައި ކޮންމެ ދިމާލެއްގައި ތިބިކަމުގައިވިޔަސް އަޅުގަނޑުމެންނަކީ އެއްބައެއް އަޅުގަނޑުމެން މުސްލިމުންނަކީ އަބަދު ވެސް އެއް ހަށިގަނޑުގެ މިސާލެއް ކަމަށް ކީރިތި ރަސޫލާ ވަނީ އިރުޝާދު ދެއްވައިފައިި. އަޅުގަނޑުމެން އެއްވެސް ހާލެއްގައި ވިސްނައިގެން ނުވާނެ މިއީ އަލުގަނޑުމެންގެ އަތުން ގެއްލޭ އެއްޗެއްކަމަކަށް އަދި ﷲ ގެ މަގުގައި ހޭދަ ކުރެވޭ ސަދަގާތަކީ އަޅުގަނޑުމެންގެ އަތުން ގެއްލޭނެ އެއްޗެއް ނޫން" މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މީޑިއާ އަށް މައުލޫމާތު ދެމުން އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ވިދާޅުވީ އެމްޕީއެލްއިން ކުރިއަށް ގެންދާ ފަންޑްރެއިންސިންގެ ޕްރޮގްރާމް ގެންދާނީ ސަރުކާރުން ރޮހިންޔާ މުސްލިމުންނަށް އެހިީވުމަށް ހަރަކަތްތަށް ހިންގުމަށް އެކުލަވައިލައިފާއިވާ ކޮމެޓީގެ އިރުޝާދާއި ލަފާގެ މަތިން ކަމަށެވެ. އަދި އެމްޕިއެލުން އިސްނަގައިގެން އެހަރަކާތްތައް ފެށުމުން އެކުންފުންޏާއެކު މަސައްކަތް ކުރާ އެހެން ހުރިހާ ފަރާތްތަކުން ވެސް އެމްޕީއެލަށް އެހީތެރިކަން ފޮރުކޮށްދޭނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް އިބްރާހިމް ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ އެމްޕީއެލްގެ ފަންޑު ފޮށިތައް މާލޭގެ ހަ ސަރަހައްދެއްގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފަންޑު ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް

  • މާލޭ ނޯތު ހާބަރު
  • ޓީޖޭޓީ
  • ޕޯޓޮ ކޮމްޕްލެކްސް ބިލްޑިންގް
  • އެމްޕީއެލްގެ ހެޑްއޮފީސް
  • ކްލިއަރަންސް ކައުންޓަރު
  • މާޖޫރީން އުޅޭ ސަރަހައްދު

އެމްޕީއެލްގެ ޜާއްޖެތެރޭގެ އޮފީސްތައް ކަމަށްވާ ކުޅުދުއްފުށި، ފުވައްމުލައް އަދި އަޢްޑޫގައި ވެސް މާލެއެކޭ އެއްގޮތަށް ފަންޑު ރެއިސިންގް ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.