11 Sep 2017, 18:43
މޯލްޑިވްސް އިމިގްރޭޝަނުގެ އެއްވެސް އޮފިސަރެއް ގާނޫނާއި ގަވައިދާ ހިލާފު އަމަލެއް ކުރާކަމުގެ ނުވަތަ ކޮށްފައިވާކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރަނަމަ އެކަން ކުރި ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އެ އިދާރާގެ ކޮންޓްރޯލާ މުހައްމަދު އަންވަރު ވިދާޅުވެއްޖެއެވެ.
މުހައްމަދު އަންވަރު ސޮއި ކުރައްވާ މިއަދު ނެރުނު ނޫސްބަޔަާނެއްގައި ބުނެފައި ވަނީ އެ މުއައްޞަސާއާއި މުއައްޞަސާގެ އޮފިސަރުންނާ ގުޅޭގޮތުން ސާބިތުނުހިފޭ ހަގީގަތެއް ނެތް މަޢުލޫމާތު ބައެއް ފަރާތްތަކުން ދައްކަމުންދާ ކަމަށާއި އެކަން އެ އިދާރާއިން ކުށްވެރިކުރާ ކަމަށެވެ.
އަދި އެ މުއައްސަސާގެ އެއްވެސް އޮފިސަރަކު ގާނޫނާ ހިލާފު އެއްވެސް ކަމެއް ކުރާ ކަމުގެ ސާބިތު ހެކި ލިބިފައިވާނަމަ އެ މަޢުލޫމާތު އެ މުއައްޞަސާއާ ޙިއްޞާކުރުމުން އެކަމެއް ހިނގާފައިވާގޮތް ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެފަދަ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރަމުން ދާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ އެފަދަ ދޮގު މައުލޫމާތުތައް ފަތުރަމުންދާ މީހުން އެކަން ކުރަނީ މައިގްރޭޝަންގެ ނިޒާމު ހަރުދަނާކޮށް ހިއުމަން ޓްރެފިކިންގެ އަމަލުތައް ހުއްޓުވުމަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށްޓަކައެވެ. އަދި އެއީ ފިނޑި އަމަލެއް ކަމަށްވެސް ވަނީ ބުނެފައެވެ.
އެ އިދާރާއަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތާ ހަވާލާދީ ބުނެފައި ވަނީ އެފަދަ ވާހަކަތައް ދައްކާ މީހުންގެ އެންމެ ބޮޑު އެއް ބޭނުމަކީ ދިވެހިރާއްޖެއަށް ވަޒީފާއަށް އަންނަ ފަރާތްތަކަކީ ސެކިއުރިޓީ އަދި ހެލްތު ސްކްރީން ކުރެވިގެން ގެނެވޭ ފަރާތްތައް މޮނީޓާރ ކުރުމަށް ތައާރަފް ކުރަން މަސައްކަތް ކުރަމުންދާ "މޯލްޑިވްސް އިމިގްރޭޝަން ޕްރި-ޑިޕާޗަރ ސްކްރީނިނިންގ ސިސްޓަމް (މިޕްސް)" ވުޖޫދަށް ގެނައުމަށް ހުރަސް އެޅުމެވެ.
ބަޔާނުގައި ބުނެފައި ވަނީ އެ ސިސްޓަމް ވުޖޫދަށް އައުމުން ބޭރު މީހުން ގެނައުމަށް މިހާރު އެކި ފަރާތްތަކުން ނަގާ ބޮޑެތި ފައިސާގެ އަދަދުތައް ނެގުން ހުއްޓިގެން ދާނެ ކަމަށެވެ. އަދި އެކަމަކީ ބަޔަކު ޖެހިލުންވާ ކަމެއް ކަަމަށްވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން މިފަދަ އަމަލުތަކުގެ ސަބަބުން އެ އިދާރާއިން ބޭރުގެ އެކިއެކި އިދާރާތަކާއި ގުޅިގެން ހިއުމަންޓްރެފިކިންގެ އަމަލުތައް ހުއްޓުވުމަށް ކުރިއަށް ގެންދާ މަސައްކަތްތައް ހުއްޓި އެކަމަށް ގެއްލުން ތަކެއް ކުރިމަތި ކުރުވާނެ ކަމެއް ކަމަށެވެ. އަދި އެފަދަ މަުލޫމާތު ފަތުރާ މީޑީއާ ތަކާއި ދެކޮޅަށް ވެސް ފިޔަވަޅު އަޅާނެ ކަަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.