ނައިޕީޑޯ (ސެޕްޓެމްބަރު 11): މިޔަންމާއިން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަނަކީ "ނަސްލެއް ނެތިކޮށްލުމުގެ ރަނގަޅު މިސާލެއް" ކަމަށް އދ.ގެ ހިއުމަން ރައިޓްސް ޗީފް ޒައިދް ރާދް އަލް ހުސެއިން ވިދާޅުވެއްޖެ އެވެ.

ޒައިދް ވިދާޅުވި ގޮތުގައި ރަހީން ސްޓޭޓުގައި މިޔަންމާގެ އަސްކަރިއްޔާއިން ކުރިއަށްގެންދަނީ ހާލަތާ ނުބައްދަލު އޮޕަރޭޝަނެކެވެ. އަދި އެސަރަހައްދަށް އދ.ގެ އޮފިޝަލުން ވަނުން ހުއްޓުވާފައިވުމުން ރަހީން ސްޓޭޓުގައި ދިރިއުޅޭ މުސްލިމުންގެ ހާލަތު ޔަގީން ކުރެވެން ނެތް ކަމަށް ޒައިދް ވިދާޅުވި އެވެ.

ނަމަވެސް މިޔަންމާގެ އަސްކަރިއްޔާ އިން މުސްލިމުންގެ ގެތައް އަންދައި، މީހުން މަރައި، ގައުމު ދޫކޮށް ފިލަންދާ މީހުންގެ ގަޔަށް ބަޑި ޖަހާ ކަމުގެ ރިޕޯޓާއި އެކަމަށް ހެކިދޭ ސެޓެލައިޓް ފޮޓޯތައް އދ. އަށް ލިބިފައިވާ ކަމަށް ޒައިދް ވިދާޅުވި އެވެ. އަދި މިޔަންމާ އަސްކަރިއްޔާގެ އެއަނިޔާވެރި އަމަލުތައް ހުއްޓާލުމަށް ގޮވާލެއްވި އެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެއޮޕަރޭޝަނާ ގުޅިގެން މިޔަންމާ ދޫކޮށް ބަންގުލަދޭޝްއަށް ދިޔަ މީހުންގެ އަދަދު މިހާރު ވަނީ 313،000 އަށް އަރައިފަ އެވެ. އޭގެ ސަބަބުން އެމީހުންނަށް ހާއްސަކޮށްފައިވާ ކޭމްޕުތަށް ފުރިފައިވާ އިރު، އެމީހުން ވަނީ ކާނާ އާއި ސިއްހީ ފަރުވާއަށާއި ބޯހިޔާވަހިކަމަށް ބޭނުންވެފައި ކަމަށް އެހީ ފޯރުކޮށްދޭ އޭޖެންސީތަކުން ބުންޏެވެ. (ބީބީސީ)