27 Jul 2011, 09:09
ވޮޝިންގޓަން (ޖުލައި 27) : ޗައިނާގެ ކައިރީގައި އެމެރިކާ ސިފައިން ކުރިޔަށް ގެންދާ އަސްކަރީ ޖާސޫސީ ޙަރަކާތްތައް ހުއްޓާނުލާނެކަން އެމެރިކާ ހާމަކޮށްފިއެވެ.
އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް އެޑްމިރަލް މައިކް މުލެން ވިދާޅުވީ އެމެރިކާއިން ޗައިނާގެ ޢަސްކަރީ ކަންތައްތަކަށް ފާރަލުމުގެ ޖާސޫސީ ޙަރަކާތްތައް ކުރިޔަށްގެންދަނީ ބައިނަލްއަޤްވާމީ ސަރަޙައްދުގައި ކަމަށާ ބައިނަލްއަޤްވާމީ ސަރަޙައްދުގައި މިފަދަ ޙަރަކާތްތައް ހިންގުމަކީ އެއްވެސް ފަރާތަކަށް މަނާކުރެވޭނެ ކަމެއްނޫން ކަމުގައެވެ.
ޕެސިފިކް ކަނޑުގައާއި ސައުތްޗައިނާ ކަނޑުގައި އެމެރިކާގެ ޖާސޫސީ ޙަރަކާތްތަކަށް ހުރަސް އެޅުމުގެ ގޮތުން ޗައިނާގެ ޢަސްކަރީ ބައެއް މަތިންދާބޯޓު ދާދިފަހުން ޓައިވާންގެ ވައިގެ ސަރަޙައްދަށް ވަދެފައިވާ ކަމަށް ޓައިވާންގައި ޝާއިޢުކޮށްފައިވާ ރިޕޯޓް ބުނެއެވެ. މިރިޕޯޓާބެހޭގޮތުން ޗައިނާ ވަކިއެއްޗެއް ބުނެފައެއްނުވެއެވެ. ޗައިނާއިން ޢަސްކަރީ ކަންކަމަށް ކުރާ ޚަރަދު އޮޅުވާލަމުންދާ ކަމަށްބުނެ ޢަސްކަރީ ބަޖެޓް ސާފުކޮށްދިނުމަށް ޗައިނާގެ ކިބައިން އެތަށްފަހަރަކު އެމެރިކާ އެދިފައިވާއިރު ޗައިނާ ގެންދަނީ މިކަމަށް ބީރުކަންފަތެއް ދެމުންނެވެ.
އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް އެޑްމިރަލް މައިކް މުލެން އެންމެފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާއަކީ ދުނިޔޭގެ ބޮޑު ބާރެއްކަމަށް ވިދާޅުވެ ޗައިނާއާ ޢަސްކަރީ ގޮތުން ވާދަކުރަން އެމެރިކާ މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް ޗައިނާގެ ޢަސްކަރީ އަދި އިޤްތިސާދީ ބާރާމެދު އެމެރިކާ ވަރަށް ބޮޑަށް ޖެހިލުންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. -- އަލްޖަޒީރާ