12 Sep 2017, 09:50
މިސްރުގެ ދީނީ އިލްމުވެރިޔާ ޔޫސުފް ގަރަދާވީ އިންޓަޕޯލުގެ ހޯދަން ބޭނުންވާ މީހުންގެ ލިސްޓުން ނަގައިފި ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އަރަބި ޖަމިއްޔާއެއް ކަމަށްވާ އަރެބް އޯނަގަނައިޒޭޝަން ފޯ ހިއުމަން ރައިޓްސް (އޭއޯއެޗްއާރު) އިން ބުނެފި އެވެ.
އިންޓަޕޯލުން ގަރަދާވީގެ ނަން އުނިކޮށްފައި ވަނީ އިންޓަޕޯލަށް ގަރަދާވީއާ މެދު މިސްރުން ކޮށްފައިވާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށް ފެނިގެން ކަމަށް އޭއޯއެޗްއާރު އިން ނެރުނު ބަޔާނުގައި ބުންޏެވެ.
ދެހާސް ތޭރަ ވަނަ އަހަރު މިސްރަށް ގެނައި ބަޣާވާތަށް ފަހު ގަރަދާވީ ޓެރަރިޒަމަށް އެހީވާ ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާ ކޮށްފައިވާތީވެ އޭނާ އުޅުއް ވަނީ ގަތަރަށް އަމިއްލައަށް އަރުވައިލައިގެންނެވެ. މީހުން މެރުމާއި ވައްކަންކުރުމާއި އަދި ތަންތަނުގައި އަލިފާން ޖެހުމުގެ ތުހުމަތުގައި ވެސް އޭނާގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.
"އިންޓަޕޯލުން ގަރަދާވީގެ ނަން އުނިކުރުމަކީ މިސްރުގެ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބެއް." އޭއޯއެޗްއާރުގެ ރައީސް މުހައްމަދު ޖަމީލް ބުންޏެވެ.
އޭއޯއެޗްއާރު އިން ބުނީ ގަރަދާވީގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އަދި އޭނާގެ އުމުރާއި އަދި އޭނާ ހުރި މަގާމުގެ ގޮތުން އެފަދަ ކުށެއް ނުކުރާނެ ކަމަށެވެ. ނުވަދިހަ އެއް އަހަރުގެ ގަރަދާވީ މިހާރު ވެސް ދަނީ އިންޓަނޭޝަނަލް ޔޫނިއަން އޮފް އިސްލާމިކް ސްކޯލާސްގެ ޗެއާމަންގެ މަގާމު އަދާކުރަމުންނެވެ.
އޭއޯއެޗްއާރު އިން އިތުރަށް ބުނި ގޮތޮގައި ގަރަދާވީގެ ނަން އިންޓަޕޯލަށް ލުމުގައި ޔޫއޭއީއާއި އެހެނިހެން އަރަބި ގައުމުތަކުގެ ރޯލް ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ.
މައުލޫމާތު: އަލްޖަޒީރާ