ކްލަބު ގްރީން ސްޓްރީޓްސް އަކީ ކުޅެން ވަރަށް އުނދަގޫ ޓީމެއް ކަމަށާއި މިރޭގެ މެޗު ފަސޭހަ ނުވާނެ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗު މަޔްރަން ސެކުލޮވްސްކީ ބުނެފި އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސެކުލޮވްސްކީީ ބުނީ، ގްރީން އަކީ ދަނޑުމަތީގައި ހިތްވަރުކޮށް އިދިކޮޅު ޓީމު ޕްރެޝަރަށް ވައްޓާލާ ޓީމެއް ކަމަށެވެ.

"މިރޭގެ މެޗަށް ތައްޔާރަށް މި ތިބީ. ނަމަވެސް އަހަރެމެންގެ އެންމެ މޮޅު ކުޅުންތެރިޔާ ކެޕްޓަން އަސަދުﷲ އަބްދުﷲ ނެތި ކުޅެން ޖެހުމުން އެހެން ކުޅުންތެރިން ޖެހޭނެ އިތުރަށް މަސައްކަތްކޮށް ހިތްވަރު ކުރަން،" ސެކުލޮވްސްކީީ ބުންޏެވެ.

އޭނާ ބުނީ، މާޒިޔާގެ ހަ ކުޅުންތެރިން ރާއްޖޭގެ ގައުމީ ޓީމު ތަމްސީލު ކުރަން އޮމާންއަށް ދިއުމުން ޓީމުގެ ޕްރެކްޓިސްތަކުގައި އެ ކުޅުންތެރިންނަށް ރަނގަޅަށް ބައިވެރި ވެވިފައިނުވާ ކަމަށެވެ.

ގްރީންގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުނީ، ހުރިހާ ގޮތަކުން ބެލި ނަމަވެސް މާޒިޔާ ވަރަށް ވަރުގަދަ ކަމަށާއި މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަކީ ގްރީންއަށް އެންމެ އުނދަގޫ އެއް މެޗަށް ވާނެ ކަމަށެވެ.

"މާޒިޔާއަކީ މާލޭ ލީގުގެ ޗެމްޕިއަން. މިހާރު ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު ވެސް ވަރުގަދަކޮށް ފެންނަނީ. ނިއު ރޭޑިއަންޓް އަތުން ވެސް މޮޅުވި،" ސޮބާ ބުންޏެވެ.

މި މެޗަށް ނުކުންނައިރު މާޒިޔާ އޮތީ ދިހަ ޕޮއިންޓާއެކު ތާވަލުގެ ދެ ވަނައިގައެވެ. މާޒިޔާ އަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން އެއް ވަނައިގައި 12 ޕޮއިންޓާއެކު ނިއު ރޭޑިއަންޓް އޮތް ނަމަވެސް މިރޭގެ މެޗު ކާމިޔާބުކޮށްގެން އަނެއްކާ ވެސް މާޒިޔާއަށް ތާވަލުގެ އެއްވަނަ ލިބޭނެއެވެ. ނުވަ ޕޮއިންޓާއެކު ތިން ވަނައިގައި އޮތް ގްރީންއަށް ވެސް މިރޭ މާޒިޔާ ބަލިކޮށްގެން ތާވަލުގެ އެއްވަނަ މަގާމު ހޯދުމުގެ ފުރުސަތު އެބައޮތެވެ.