ތުރުކީގެ ކޮންސްޓްރަކްޝަން ކުންފުނި، އައިޑެނިޒް އިން 110 މިލިއަން ޑޮލަރު ހަރަދުކޮށްގެން ރާއްޖޭގައި ތަރައްގީ ކުރާ ރިސޯޓެއް ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

ވިޔަފާރީގެ ހަބަރުތައް ގެނެސްދޭ އޮންލައިން ނޫހެއްކަމައްވާ ޑެއިލީ ނިއުސް އިން ބުނީ އެ ކުންފުނިން 110 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ އަޔާޑާ މޯލްޑިވްސް ރިސޯޓް އެންޑް ހޮޓަލްސް ހުޅުވާނީ އަންނަ އޮކްޓޯމްބަރު މަހުގެ އެކެއްގައި ކަމަށެވެ. މި ރިސޯޓަކީ ގދ. މަގުއްދުއާ އެވެ.

ސަތޭކަ ދިހަ މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރާ އެ ރިސޯޓުގައި މަތީ ފެންވަރުގެ 112 ކޮޓަރި ހިމެނޭނެއިރު އޭގެތެރެއިން 50 ކޮޓަރި އަކީ މޫދުކޮޓަރި ތަކެވެ.

އައިޑެނިޒް އިން ތަރައްގީކުރާ ފުރަތަމަ ރިސޯޓުގެ ޓޫރިޒަމް ކޯޑިނޭޓާ އުމަރު އުލްކޭ މިދިޔަ ހޯމަ ދުވަހު ބައިނަލްއަގުވާމީ މިޑިޔާގައި ވިދާޅުވީ 15000 ސުކްޔާ މީޓަރުގެ އެ ރިސޯޓުން އާދައިގެ ކޮޓަރިއެއް ރެއަކާއި ދުވާލަށް 1300 ޑޮލަރަށް ވިއްކާއިރު އެންމެ މަތީފެންވަރުގެ ކޮޓަރިއެއް ވިއްކާނީ ރެޔަކާއި ދުވާލަށް 10000ޑޮލަރަށް ކަމަށެވެ.


"ރަށުގެ މެދު އިންނާނީ މަހެއްގެ ސިފައިގާ. އާއިލާތަކަށާއި ދެމަފިރިންނަށް ބޭނުންވާނެ އެންމެހާ ހިދުމަތްތަކެއް އެރަށުގައި ހުންނާނެ. ޝޮޕިން ކޮމްޕްލެކްސްއިން ފެށިގެން ގޮސް ސްޕާތަކާއި ހަމައަށް ހިދުމަތްތައް ލިބެންހުންނާނެ،" އުމަރު ވިދާޅުވިކަމަށް ބައިނަލްއަގުވާމީ މީޑިޔާގައިވެ އެވެ.

އޭޝިޔާ ޔޫރަޕް އަދި އެމެރިކާއިން އެވޯޑް ލިބިގެން ތަރައްގީކުރާ އެ ރިސޯޓް ހިންގުމަށް ނިންމާފައިވަނީ އައިޑެނިޒް އިން އަމިއްލައަށްކަމައް ވެސް އުމަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ރިސޯޓުގެ 99 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

"ގިނަ ހޮޓެލް ޗެއިންތަކަކުން ޝައުގުވެރިކަން ފާޅުކުރިނަމަވެސް އެ ރިސޯޓް ހިންގާނީ މި ކުންފުނިން. 350 މުވައްޒިފުންގެ ތެރެއިން ދެ ބައިކޮށްފައި އެއްބައިމީހުންނަކީ ދިވެހިން،" އުމަރު ވިދާޅުވި އެވެ.
އަހަރެއްގެ މައްޗަށް ރާއްޖެއަށް ތުރުކީން 2000 ޓޫރިސްޓުން ޒިޔާރަތްކުރެ އެވެ.