ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސިންގަޕޫރުގައި ބޭސްފަރުވާ ކުރަން ދިން 10 ދުވަހުގެ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެމަނިކުފާނުގެ އާއިލާ އަށް އަންގައިފިއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި އެ އެންގުން އަންގާފައި ވަނީ އިއްޔެ ކަރެކްޝަނަލް ސާވިސް އިން ގާސިމްގެ އާއިލާ އަށް ފޮނުވި ސިޓީއެއްގައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ކަރެކްޝަންސްގެ ބަހެއް އަދި ނުލިބެއެވެ.

ގާސިމްގެ ދަރިކަލުން މުހައްމަދު ޔަގްސާން ގާސިމް ސޮއިކުރައްވައި ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ފޮނުވި ސިޓީގައި ވަނީ ސިންގަޕޫރުގެ ޕެރަގަން މެޑިކަލް ސެންޓަރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސާ ސެންޓަރުގައި ހިތުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށެވެ.

އެ ސިޓީގައިވާ ގޮތުން ޑޮކްޓަރު ލަފާދެއްވާފައި ވަނީ ކޮރޮނަރީ އެންޖީއޯޕްލާސްޓީ އަދި ކޮރޮނަރީ އެންޖިއޯ ޕްލާސްޓީ ހެއްދެވުމަށެވެ. އެ ޕްރޮސީޖާ މި މަހުގެ 15 ވަނަ ދުވަހު ހެއްދެވުމަށް ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ނޮވެނާ ހޮސްޕިޓަލްގައި މިހާރު ޝެޑިއުލްކޮށްފައިވާ ކަމަށް ވެސް އެ ސިޓީގައިވެއެވެ.

"ޑޮކްޓަރު ލަފާދެއްވާފައި ވަނީ ބައްޕަގެ ހާލަތު ސްޓޭބަލް ވަންދެން އެމަނިކުފާނުގެ ކޮންޑިޝަން ގާތުން މޮނިޓާ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި އެކަމަށް ތިން މަސް ދުވަސް ހޭދަވާނެ ކަމަށެވެ. އަދި އެމަނިކުފާނަށް ވައިގެމަގުން ދަތުކުރެވޭނީ 2017 ޑިސެމްބަރުގެ ފަހުން ކަމަށް ވެސް ޑޮކްޓަރުން އަންގަވާފައިވެއެވެ،" ގާސިމްގެ ދަރިކަލުން ފޮނުއްވި ސިޓީގައިވެއެވެ.

އެ ސިޓީގައި ގާސިމްގެ ދަރިކަލުން އެދިވަޑައިގެންފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ސިންގަޕޫރުގައި އެމަނިކުފާނު ހުންނެވުމުގެ ހުއްދަ ދެއްވުމަށާއި އަދި ބޭސްފަރުވާ ކުރުމަށް ދީފައިވާ މުއްދަތު ވެސް އިތުރުކޮށްދިނުމަށެވެ.

އެ ސިޓީއާއެކު ޑޮކްޓަރުގެ ލިޔުމުގެ ކޮޕީ ވެސް ވަނީ ހުށަހަޅާފަ އެވެ.

ހިތުގެ އާލާސްކަންފުޅަކަށް އެތައް ފަހަރެއްގެ މަތިން ފަރުވާ ހޯއްދެވި ގާސިމް އިތުރު ފަރުވާއަށް ސިންގަޕޫރަށް ފުރުމުގެ ހުއްދަ ސަރުކާރުން ދިނީ އައިޖީއެމްއެޗުން ފަރުވާ ހޯއްދަވަމުން ގެންދަވާތާ 13 ދުވަސް ފަހުންނެވެ.

އަދި އައިޖީއެމްއެޗުން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އޭނާގެ މައްޗަށް ތިން އަހަރާ ދެ މަހާ 12 ދުވަހުގެ ހުކުމެއް ކުރިއިރު، ގާސިމްގެ ޖަލު ހުކުމް، ގޭ ބަންދުގައި ތަންފީޒު ކުރަންޖެހޭ ގޮތަށް ފަހުން ވަނީ ނިންމައިފަ އެވެ.