11 Sep 2017, 12:48
ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ތިންވަނަ ފަހަރަށް ރަފޭލް ނަޑާލް ހޯދައިފިއެވެ.
ނަޑާލް ވަނީ މީގެ ކުރިން އެ މުބާރާތް 2010 ވަނަ އަހަރު އަދި 2013 ވަނަ އަހަރު ކާމިޔާބު ކޮށްފައެވެ. އެ މުބާރާތް ކާމިޔާބުކުރުމުން ނަޑާލް ވަނީ އަނެއްކާ ވެސް ދުނިޔޭގެ އެއް ނަންބަރު ޓެނިސް ކުޅުންތެރިޔާގެ މަގާމަށް އަރައިފައެވެ.
މިފަހަރުގެ ފައިނަލްގައި ނަޑާލް ވާދަކުރީ ދެކުނު އެފްރިކާގެ ކެވިން އެންޑަސަންއާ އެވެ. ނަޑާލް ވަނީ އެ މެޗު ވަރަށް ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ. އެ މެޗުގެ ސެޓުތައް ނަޑާލް ގެންދިޔައީ 3-6، 3-6 އަދި 4-6 އިންނެވެ.
އުމުރުން 31 އަހަރުގެ ނަޑާލް ވަނީ މިއަހަރުގެ ފްރެންޗް އޯޕަން ވެސް ކާމިޔާބު ކޮށްފައެވެ. ކެރިއަރުގެ 16 ވަނަ ގްރޭންޑް ސްލޭމް އާއެކު ނަޑާލް އަކީ ޓެނިސްގެ ތާރީހުގައި ދެވަނައަށް އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިިޔާބުކުރި ކުޅުންތެރިޔާއެވެ. އެންމެ ގިނައިން ގްރޭންޑް ސްލޭމް ހޯދި ކުޅުންތެރިއަކީ ރޮޖާ ފެޑެރާއެވެ. އޭނާ ވަނީ މިހާތަނަށް 19 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައެވެ.
ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ނަޑާލް ބުނީ، ތިން ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލްގައި މިއަހަރުތެރޭ ކުޅެ އޭގެތެރެއިން ދެ މުބާރާތް ކާމިޔާބު ކުރެވުމަކީ ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށެވެ. އެހެންކަމުން ނަތީޖާތަކަށް ބަލާއިރު މިއަހަރަކީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ސީޒަން ކަމަށް ވެސް އޭނާ ބުންޏެވެ.