ފަނި ފަކުސަ މަރާ ބޭހުގެ ބާވަތެއް ކަަމަށްވާ ފިޕްރޯނިލް ގެ އަސަރުކޮށްފައިވާ ބިސް ތަކެއް ރާއްޖެ އެތެރެވެފައިވާތީ އެކަމާ ގުޅިގެން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޮރިޓީން ބުނެފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޮރިޓީން މިއަދު ބުނީ ޔޫރަޕްގެ ބައެއް ގައުމު ތަކުން އެތެރެ ކޮށްފައިވާ ބިސް ތަކުން ޕިޕްރޯނިލް އެކުލެވޭ ބިސް ތަކެއް ފެނިފައިވާ ކަމަށާއި އެކަމާ ގުޅިގެން ފިޔަވަޅު ތަކެއް އަޅަމުންދާ ކަމަށެވެ.

އެ ބަޔާނުގައި ވަނީ އެފަދަ ބިސްތަކެއް ރާއްޖެ އެތެރެވެފައިވާތީ އެ ބޭސް އެކުލެވޭ ހުރިހާ ބެޗެއްގެ ބިސްތައް ނައްތާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެފަދަ ބިސްތަކެއް ރާއްޖެ އެތެރެވެފައިވާތީ އާއި އަދި އިތުރަށް އެފަދަ ބިސްތައް އެތެރެ ވުމުގެ ފުރުސަތު އޮތުމުން ފްރާންސް، ނެދަލޭންޑްސް، ބެލްޖިއަމް، ޖަރުމަނު އަދި ޕޮލެންޑުން ބިސް އެތެރެ ނުކުރުމަށް އެ އޮތޯރިތީން ވަނީ އިލްތިމާސްކޮށްފައެވެ.

އެފަދަ ގައުމުތަކުން އެތެރެ ކުރާ ބިސްތަކަށް ހެލްތް ކްލިއަރަންސް ދެވޭނީ އެފަދަ ގައުމު ތަކުން އެތެރެކުރާ ބިސްތަކަކީ ޕިޕްރޯނިލް އިން ތަޣައްޔަރުވެފައިވާ އެއްޗެއް ނޫން ކަމުގެ ލިޔުން އެގައުމެއްގެ ކާބޯތަކެތި ރައްކާތެރި ކުރުމާ ގުޅޭ އިދާރާއަކުން ހޯދައި އެ ލިޔުން ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ހުށައެޅުމުން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ފަސް ގައުމަކުން އެތެރެ ކުރާ ބިސް ތަކަކަކުން ނުރައްކާތެރި ކެމިކަލެއް ފެނިފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިންވަނީ ރާއްޖެ އެތެރެ ކުރާ ބިސް ތަކުގެ ތެރެއިން ބައެއް ބިސްތަކުގައި ޕްލާސްޓިކް ހިމެނޭ ކަމަށް ބުނެ އަޑު ފެތުރިފައެވެ.