11 Sep 2017, 12:12
ޓެލެހެސީ (ސެޕްޓެމްބަރު 11): އެމެރިކާގެ ފްލޮރިޑާއަށް އަރަމުންދާ ތޫފާން އިރްމާގެ ބާރުގަދަކަމުން އެ ސްޓޭޓުގެ މޫދު ކައިރިން ލޮނުގަނޑު ހިނދެމުން ދިޔުމުގެ ސަބަބުން ގިނަ ބަޔަކަށް ހައިރާންކަން ލިބިއްޖެ އެވެ.
ފްލޮރިޑާގެ ރައްޔިތުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯތަކުން ފެނިގެން ދަނީ މޫދުގެ ލޮނުގަނޑު ހިނދި، މޫދުގެ އަޑި ފެންނަން ހުންނަ މަންޒަރެވެ. އަދި މީގެ ކުރިން ކެރީބިއަން ސަރަހައްދަށް ތޫފާން އެރި އިރު ބަހާމާސް އިން ވެސް އެ މަންޒަރު ފެނިފައިވާ ކަމަށް ސޯޝަލް މީޑިއާ ބޭނުން ކުރާ ފަރާތްތަކުން ބުނެ އެވެ.
މީޓިއޮރޮލޮޖިސްޓަކާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުގައިވާ ގޮތުން މޫދުގެ ލޮނުގަނޑު އެގޮތަށް ހިނދެނީ ތޫފާން އިރްމާގެ ބާރުގަދަ ކަމުން، އެތޫފާނާ ދިމާލަށް ލޮނުގަނޑު ދަމާލާތީ އެވެ. އެއީ ތޫފާނުގެ އެތެރޭގެ ޕްރެޝަރު ދަށްވުމުން ކަމަށާއި، ވައި ޖެހޭ މިސްރާބުގެ ސަބަބުން ވެސް ލޮނުގަނޑު އެގޮތަށް ހިނދޭނެ ކަމަށް މީޓިއޮރޮލޮޖިސްޓު ވިދާޅުވި އެވެ.
ވޮޝިންޓަން ޕޯސްޓުގައިވާ ގޮތުން ލޮނުގަނޑު އެގޮތަށް ހިނދުމަކީ ސުނާމީއެއް އަރަން އުޅޭ ކަމުގެ ނިޝާނެއް ނޫނެެވެ. އަދި ތޫފާން އިރްމާ ފްލޮރިޑާގެ އައްސޭރިފަށާ ދުރަށް ދިޔުމުން ލޮނުގަނޑު އަނެއްކާ ވެސް އަނބުރާ އަންނާނެ އެވެ. ނަމަވެސް އެވަގުތުކޮޅު ތެރޭގައި ލޮނުގަނޑު ހިނދިފައިވާ ސަރަހައްދަށް ނުފޭބުމަށް މޫސުމާ ބެހޭ އިދާރާތަކުން ވަނީ އަންގައިފަ އެވެ.
ފްލޮރިޑާއަށް މިހާރު އަރަމުންދާ ތޫފާން އިރްމާގެ ސަބަބުން އެސަރަހައްދުގެ ގާތްގަނޑަކަށް 3.4 މިލިއަން ގެއަށް ކަރަންޓު ކެނޑިފައިވާ ކަމަށް ރިޕޯޓުތަކުވައިވެ އެވެ. އެތޫފާން އެރުމުގެ ކުރިން ފްލޮރިޑާގެ 6.3 މިލިއަން މީހުންނަށް ވަނީ ސަލާމަތީ ސަރަހައްދުތަކަށް ބަދަލުވުމަށް އަންގައިފަ އެވެ.
#HurricaneIrma#BahamasBefore (bottom pic) and after (top pic) pictures of dried up harbourpic.twitter.com/9j7pimy33G
— Adrian (@deejayeasya)September 10, 2017