26 Jul 2011, 23:04
ހދ. ވައިކަރަދޫގައި ކުޑަކުއްޖެއްގެ ލޮލަށް ވަޅިއެއް ހެރި ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.
ވަޅި ހެރުނީ އެރަށު އިލާ، މުހައްމަދު އާލިމް 10، ގެ ލޮލަށެވެ. އާލިމްގެ ވާތު ލޮލަށް ވަޅި ހެރި ޒަހަމްވީ މިއަދު ހެނދުނު އެވެ.
ވަޅި ހެރުނު ހާދިސާއަށް ފަހު ފަރުވާ ދޭން އާލިމް ގޮވައިގެން މިއަދު މާލެ އައިސް ހުރި އޭނާގެ ބައްޕަ އަބްދުއް ރަހީމް ބުނީ، އިވުމުން މަހުރޫމްވެ ވާހަކަ ދެއްކުމުގައި ވެސް އުނި ކަމެއް ހުންނަ އޭނާގެ ދަރިފުޅުގެ ލޮލުގެ މެދަށް ވަޅި ހެރި ކަޅު ކަޅީގެ މަތިން ފެށިން ތިރިއަށް އެއްކޮށް ކަފައިގެން ދިޔައީ ހެނދުނު ކަމަށް ވިޔަސް އާއިލާ އަށް ފެނުނީ ލޮލަށް ވަޅި ވަދެ ލޯ ޒަހަމްވެފައި ހުއްޓާ ކަމަށެވެ.
"އަޅުގަނޑުމެނަކަށް ވެސް ނޭނގުނު ހެނދުނު ދަރިފުޅު ކީއްކުރަން ކޮން އިރަކު ވަޅިހިފައިގެން އުޅެނިކޮށް ވީ ޒަހަމެއް ކަމެއް. ލޮލަށް ވަދެފައި ވަނީ ވަޅިއެއްކަން އެނގެނީ ވެސް ދަރިފުޅު އިޝާރާތުން ވަޅިއެއް ކަމަށް ކިޔައިދޭތީ،" އަބްދުއް ރަހީމް ބުންޏެވެ. "އޭނާ ބުނާ ތަންތަން ބެލި އިރު އަޅުގަނޑުމެނަށް ފެނުނީ ސޭންޑްވިޗް ހަދަން ބޭނުން ކުރާ ޒާތުގެ ވަޅިއެއް. އެ ދެއްކީމާ ބުނަނީ، އެހެން ވަޅިއެކޭ، އެކަމު ދަރިފުޅު ބުނާ ވަޅި އަޅުގަނޑުމެން ހޯދާ ހޯދާވެސް ނުފެނުނު،"
އާލިމްގެ ލޮލަށް ފަރުވާ ދޭން މިއަދު ފުރަތަމަ ގެންދިޔައީ ވައިކަރަދޫ ސިއްހީ މަރުކަޒަށެވެ. ނަމަވެސް އެ މަރުކަޒުގައި ފަރުވާ ދެވޭވަރުގެ ޑޮކަޓަރަކު ނެތުމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަށް ގެންގޮސްފަރުވާ ދިނުމަށް ފަހު އާއިލާއިން މާލެ އައީ މިއަދު ހަވީރު އެވެ.
އާއިލާއިން ބުނީ މިހާރު އައިޖީއެމްއެޗްގައި އާލިމަށް ފަރުވާ ދެމުން އަންނަ ކަމަށާއި ލޯ އޮޕަރޭޝަން ކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ.