11 Sep 2017, 10:02
ބޮލީވުޑް އެކްޓަރު ސިދާރްތު މަލޯތުރާގެ ސަބަބުން އާލިއާ ބަޓް އާއި ޖެކްލީން ފެނާންޑެޒްގެ ދެމެދުގައި މައްސަލަ އުޅޭކަމަށް ރިޕޯޓުތައް ބުނާތާ ދުވަސްކޮޅެއް ވެއްޖެއެވެ.
ސިދާރްތު އާއި އާލިއާ ލޯބީގެ ގުޅުން އުޅޭކަމަށް ބެލެވޭ އިރު، ޖެކްލީން އާއި ސިދާރްތު އަކީ ގާތް އެކުވެރިންނެވެ. ދެމީހުންގެ ދެމެދު އެކުވެރިކަން އުފެދުނީ ފިލްމު 'އަ ޖެންޓްލްމޭން' ގެ ޝޫޓިން ތެރެއިންނެވެ.
ޝޫޓިން ނިމުނު ފަހުން ވެސް ދެމީހުން އެކުގައި ރެސްޓޯރެންޓުތަކަށް ގޮސް ވަގުތު ހޭދަކުރެއެވެ. އަދި ސިދާރްތުގެ ގެއަށް ވެސް ޖެކްލީން އެތައް ފަހަރެއްގެ މަތިން ގޮސް، އޭނާގެ އާއިލާ އާއި ބައްދަލުކޮށްފައިވާ ކަމަށް ޚުދު ސިދާރްތު ވެސް ވަނީ ބުނެފައެވެ. އެކަމުގެ ސަބަބުން އާލިއާ އާއި ސިދާރްތު އާދެމެދު ހޫނު ޒުވާބެއް ހިނގި ކަމަށް ބުނާއިރު އެންމެ ފަހުން ފެތުރުނު ޚަބަރަކީ އިންސްޓަގްރާމް އިން ޖެކްލީން، އާލިއާ އަންފޮލޯ ކުރި ޚަބަރެވެ. އަދި ދެ ފަންނާނުން އެކަކު އަނެކަކާ ވާހަކަ ދެއްކުން ހުއްޓާލައިފައި ވާކަމަށް ވެސް ނޫސްތަކުން ރިޕޯޓު ކުރި އެވެ.
ނަމަވެސް އާއިލާ އާއި ޖެކްލީންގެ ގާތް ފަރާތަކުން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. ނަން ހާމަނުކުރުމަށް އެދި އޭނާ މީޑިއާ އަަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އެއް އިރެއްގައި ވެސް ޖެކްލީން އިންސްޓަގްރާމް އިން އާލިއާ ފޮލޯ ނުކުރާ ކަމަށެވެ. އަދި އެކަން ދެމީހުންނަށް ވެސް ފާހަގަވީ މީޑިއާ އިން ފެތުރި ޚަބަރުތަކުގެ ސަބަބުން ކަމަށާއި، ދެމީހުން ޓުވިޓާ އިން އެކަކު އަނެކަކު ފޮލޯ ކުރާ ކަމަށެވެ. އަދި ދެމީހުންގެ ދޭތެރޭ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، މީޑިއާ ރިޕޯޓުތައް އެ ދެމީހުން ވެސް ނަގަނީ ޖޯކެއްގެ ގޮތުގައި ކަމަށެވެ.
އާލިއާ އާއި ޖެކްލީން ވެސް އަންނަނީ މިހާރު ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.
އާލިއާ އެންމެ އަވަހަށް ފެނިގެން ދާނީ ޖަންގްލީ ޕިކްޗާޒްގެ 'ރާޒީ' އިން ވިކީ ކޯޝަލް އާއެކު އެވެ. ޖެކްލީން ފެނިގެން ދާނީ ވަރުން ދަވާން އާއެކު 'ޖުޅްވާ 2' އިންނެވެ.