11 Sep 2017, 09:39
މިއަދު އޭނާގެ އެކްޓިންގ ކެރިއަރު ނިމުމަކަށް އައި ނަމަވެސް ގެއްލޭނެ އެއްޗެއް ނެތް ކަމަށް ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ކަންގަނާ ރަނައުތު ބުނެފިއެވެ.
ކަންގަނާ ބޮލީވުޑަށް ތައާރަފުވީ 2006 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ގޭންގްސްޓާ' އިންނެވެ. 10 އަހަރަށް ވުރެ ދިގު ކެރިއަރުގައި ކަންގަނާ ވަނީ މިހާތަނަށް ގިނަ އެވޯޑުތަކެއް ހޯދައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައެވެ. އެގޮތުން އޭނާ ވަނީ އެންމެ މޮޅު ބަތަލާގެ ގައުމީ އިނާމު ތިން ފަހަރު ހޯދައިފައެވެ.
ނޫހަކަށް ދިން އިންޓަވިއުއެއްގައި ކަންގަނާ ބުނީ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ބިރުގެ މައްޗަށް ކުރި ހޯދައި، އަމިއްލަ ނަފްސު ދެނެގަނެވުން ކަމަށެވެ.
"15 އަހަރުގައި އަހަރެން ގެއިން ނުކުމެގެން އައި އިރު އަހަންނަކީ ކާކު ކަމެއް، އަހަރެންގެ ހުރި ހުނަރެއް އެއްވެސް އެއްޗެއް ނޭނގޭ. އެކަމަކު 30 އަހަރު ވީއިރު އަމިއްލަ ނަފްސު ދެނެގަނެވިއްޖެ،" ކަންގަނާ ބުންޏެވެ.
ހަމަ އެއާއެކު، އޭނާ ބޮލީވުޑުގައި ކޮށްފައިވާ ދަތުރަށް ބަލާއިރު، ގިނަ އެވޯޑުތަކެއް ހޯދައި، ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާނެ ކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
"އެހެންކަމުން މިއަދު އަހަރެންގެ ކެރިއަރު ނިމުނަސް އަހަންނަށް ގެއްލޭނެ ހަމަ އެކައްޗެއް ވެސް ނެތް. އެނބުރި ބަލާއިރު ދައްކަން އޮތީ ކާމިޔާބު ދަތުރެއްގެ ވާހަކަ،" އޭނާ ބުންޏެވެ.
ކަންގަނާ ބުނީ ބޮލީވުޑް ކެރިއަރު ނިމުނަސް އެހެން ކޮންމެ ދާއިރާ އަކުން ކުރިއަށް ދިއުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ހުރިކަމަށެވެ.
ކަންގަނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ހަންސަލް މެހެތާގެ ފިލްމު 'ސިމްރަން' އިންނެވެ. އެ ފިލްމު ރިލީޒް ކުރާނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.