11 Sep 2017, 01:04
ނިސްބަތުން ވެސް ރާއްޖޭގައި ޕްރެކްޓިސިންގައި އުޅޭ ވަކީލުން މެދެވެ. ގުނާލާފައި ސަތޭކައެއްހާ ވަކީލުން ނުތިބޭނެއޭ ބުނެލަން ދައްޗެއް ނޫނެވެ. ކޯޓުތަކަށް ގޮސް ޝަރީއަތްތަކަށް ވަންނަ މީހެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރަންދާ ވަކީލުން މަދުކަން ފާހަގަ ކުރެވެ އެވެ.
މިރޭގެ ވަގުތެއްގައި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މި ވަނީ ވަކާލު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވާ 54 ހަތަރު ވަކީލުން ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ސަސްޕެންޑް ކޮށްފަ އެވެ. ސަސްޕެންޑް ކުރި ސަބަބެއް ކަމަށް ވިދާޅު ވަނީ ވަކީލުން ޣައިރު ގާނޫނީ ލިޔުމެއްގައި ސޮއި ކުރުމާއި ގާނޫނާ ހިލާފަށް ސުޕްރީމް ކޯޓު ދޮށަށް އެއްވުމެވެ.
މައްސަލައެއް ނެތެވެ. ވަކީލުން ގާނޫނާ ހިލާފު ވީ އެވެ. ޣައިރު ގާނޫނީ ލިޔުމެއްގައި ސޮއިކުރީ އެވެ. ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމެއް ކޮށްފިނަމަ އަދަބު ވެސް ދޭން ޖެހެއެވެ. ނަމަވެސް ވަކީލުން އުފައްދަމުންދާ ސުވާލަކީ އެ މީހުން ސޮއި ކުރި ލިޔުން "ޣައިރު ގާނޫނީ" އެއްޗަކަށް ވަނީ ކިހިނަކުންތޯ އެވެ؟
ވަކީލުން ސޮއިކުރައްވައި ސުޕްރީމް ކޯޓަށް ހުށަހެޅި ޣައިރު ގާނޫނީ ލިޔުން ކަމަށް ބުނާ ލިޔުމުގައި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ.
އެގޮތުން ޝަރީއަތްކުރާ ގޮތުގައި ހުރި ކަންބޮޑުވުންތަކާއި، ޓެރަރިޒަމްގެ ގާނޫނަށް ނުފެތޭގޮތަށް ޓެރަރިޒަމްގެ ދައުވާ ކުރުމާއި މުއްދަތު ޖެހުމުގައި "ހަމައެއް ލަމައެއް" ނެތުމާއި ޣައިރު ހާޒިރުގައި ހުކުމް ކުރުން ފަދަ ކަންކަން ހިނގާ ކަމަށް ލިޔުމުގައި ވަނީ ބުނެފަ އެވެ.
އަދި ސަބަބެއް އެންގުމެއް ނެތި ވަކީލުންނަށް ފިޔަވަޅު އެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
ސަސްޕެންޑް ކުރި ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ އޭނާ އެ ލިޔުމުގައި ސޮއި ކުރެއްވީ "ކަންކަން އިސްލާހު ކުރުމުގެ ނިޔަތުގައި" ކަމަށެވެ. އަދި ކަންކަން އިސްލާހު ކުރުމަށް ދަންނަވަން ޖެހޭ ފަރާތްތަކުގައި ދެންނެވުމަކީ ގާނޫނީ ގޮތުން ކުށަކަށް ވީމަ އެކަން ބަލައި ގަންނަން ދަތި ކަމަށް ހިސާން ވިދާޅުވި އެވެ.
ހިސާން ވެސް ފާހަގަކުރެއްވީ ސަސްޕެންޑްކުރި ވަކީލުންގެ ތެރޭގައި އަމަލީގޮތުން ވަކާލާތު ކުރެއްވުމުގައި އުޅުއްވާ ވަކީލުން ގިނަ ވީތީ އެ ވާހަކަ އެވެ.
ސަސްޕެންޑް ކުރި ވަކީލުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރައްވާ ހުރިހާ ވަކީލުންނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފަރާތުން ކޯޓުގައި ވާކާލާތު ކުރައްވައި ހުރިހާ ވަކީލުން ހިމެނި ވަޑައިގަންނަވަ އެވެ. އެބޭފުޅޫންގެ މައްޗަށް އުފުލިފައިވާ ގިނަ ދައުވާތަކެއް ކޯޓުތަކުގައި މިވަގުތުވެސް އެބަ އޮތެވެ.
އޭގެ އިތުރުން މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ދައުވާ އުފުލި ކުރިއަށްދާ މައްސަލައިގައި ހިމެނިވަޑައިގަންނަވާ 12 ވަކީލުންވެސް އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަ އެވެ.
މިހާ ހިސާބުން ސުވާލަކީ ކޯޓުތަކުގައި އޮތް މައްސަލަތަކަށް ވަނީ ކިހިނެތް ތޯ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތުން މައްސަލައެއްގައި ތުހުމަތު ކުރެވޭ ދެމީހަކު އެއް ވަކީލަކަށް ތަމްސީލެއް ނުކުރެވޭނެ އެވެ. އެހެންކަމަށް ވާނަމަ ކުރިން މި ފާހަގަކުރި 12 މެމްބަރުންގެ ފަރާތުން ވަކާލާތު ކުރައްވަން އަނެއްކާވެސް 12 ވަކީލުން ބޭނުންވާނެ އެވެ. ރާއްޖޭގައި އެ އަދަދަށް ވަކީލުން ތިބިތޯ ވެސް ސުވާލު އުފެދެ އެވެ.
ސަސްޕެންޑް ކުރި ވަކީލުންގެ ތެރޭގައި މިހާރު ކުރިއަށްދާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދިފާއުގައި ކޯޓުތަކުގައި ވަކާލާތު ކުރައްވާ ވަކީލުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ސުވާލަކީ އެ މައްސަލަތައް މިހާ ހިސާބުން މެދު ކަނޑާލައި އަނެއްކާ ވަކީލުން އައްޔަން ކުރަން ފުރުސަތު ދޭނީތޯ އެވެ. އެހެން ވެއްޖެނަމަ ދެން އެ މައްސަލަތަކުގައި ވަކާލާތު ކުރަން ވަކީލުން ލިބޭނެތޯ ވެސް މިއީ އުފެދޭ ސުވާލެކެވެ.
ވަކީލުން ހަމަނުޖެހުމުން ދައުލަތުގެ ހަރަދުގައި ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ބައެއް މައްސަލަތަކުގައި ދެވެ އެވެ. ނަމަވެސް ދައުލަތުގެ ހަރަދުގައި ވަކީލަކު އައްޔަން ކުރަން އާންމުކޮށް ދެމަސް ތިން މަސް ނަގަ އެވެ. ކަންކަން މިހެން ހުރުމުން ކޯޓުތައް ހުޓުމަކަށް ނުދާނެ ހެއްޔެވެ؟