26 Jul 2011, 21:44
މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސްގެ މުޙަންމަދު ނަޝީދުގެ ދެކަނބަލުން ބޭއްވެވި ރަސްމީ ޙަފްލާ، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި މިރޭ ބާއްވަވައިފި އެވެ.
ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، މިނިވަންދުވަހުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އިސްބޭފުޅުންނާއި، މިނިވަން މުއައްސަސާތަކާއި، ކުންފުނިތަކުގެ އިސްބޭފުޅުން ހަފުލާގައި ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ފަރާތްތަކާ ބައްދަލުކުރައްވައި، މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވި އެވެ.
މީގެ އިތުރުން މިނިވަން ދުވަހުގެ މުނާސަބަތުގައި، ބޭއްވި ހެވިކަމާއި ޝަރަފްގެ ހިނގާލުމާއި، ކުޅިވަރުގެ ޕްރޮގްރާމް، ވެސް ރައީސްގެ ދެކަނބަލުން ވަނީ މިއަދު ހަވީރު ބައްލަވާލައްވައިފިއެވެ.
މާލޭ ޖުމްހޫރީ މައިދާނުގައި އޮތް މިރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން ރިޔާސީ ކުރުނީހެއް އެރުވިއެވެ. އަދި ސިފައިންގެ ބޭންޑުގައި ޤައުމީ ސަލާން ކުޅުނެވެ. އޭގެފަހުން، ދިވެހި ސިފައިންގެ ހެވިކަމުގެ ލަޝްކަރު ޝަރަފުގެ ހިނގުން އޮތެވެ.
މިރަސްމިއްޔާތުގައި ސްކޫލްތަކުން އެއްކޮށްލާފައިވާ ހެވިކަމުގެ ލަޝްކަރު، ބޭންޕާޓީއާއެކު ޝަރަފުގެ ހިނގުން އޮތެވެ. މިހިނގުމުގައި، އެ ލަޝްކަރުތައްވެސް ރައީސުލްޖުމްހޫރިއްޔާއަށް ކުރުނީސް އެރުވިއެވެ. އެއަށްފަހު، ކުޅިވަރުގެ ޕްރޮގްރާމްތަކުގައި ބައިވެރިވީ، މ. ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމާއި، ހަރުބީ ބޮޑުބެރު ގްރޫޕާއި، ދަންމާނު ބޮޑުބެރު ގްރޫޕެވެ.