11 Sep 2017, 00:21
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މޮޅު ކުޅެއް ދައްކަމުން އަންނަ ށ. މިލަންދޫ އުނދަގޫތަކަކަށް ފަހު ބަލިކޮށް ނިއު ރޭޑިއަންޓު ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.
މިރޭ ކުޅުނު ލީގު މެޗުގައި ނިއު އިން މިލަންދޫގެ މައްޗައް ކުރި ހޯދާފައި ވަނީ 0-1 ގެ ނަތީޖާ އަކުންނެވެ.
10 ސެޕްޓެމްބަރ 2017: އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއުރޭޑިއަންޓް އާއި ށ. މިލަންދޫ ބައްދަލު ކުރި މެޗުގެ ތެރެއިން: 1-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބް ކުރީ ނިއުއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިރޭގެ މެޗުގެ ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ 66 ވަނަ މިނެޓުގައެވެ. އެ ލަނޑު ޕެނަލްޓީއަކުން ނިއު އަށް ކާމިޔާބުކޮށްދިނީ ސްޕެއިން ފޯވާޑް އެޑްރިއަން ގަލާޑޯ އެވެ. ލީގުގެ މިލަންދޫ ކުޅުނު އެހެން މެޗުތަކެކޭ އެއްފަދައިން އެ ޓީމުގެ ފަރާތުން ވަނީ ރަނގަޅު ވަރުގަދަ ޑިފެންސިވް ޕާފޯމެންސް އެއް ފެނިގެން ގޮސްފައެވެ.
މެޗުގެ ކުރީ ކޮޅު ނިއު އަށް ލީޑު ނަގާނެ ރަނގަޅު ދެ ފުރުސަތެއް ވަނީ ލިބި ބޭކާރު ވެފައެވެ. އެގޮތުން ސްޕެއިން މިޑްފީލްޑަރު ކަންޑޭލާ އަށާއި ގަލާޑޯ އަށް ލިބުނު ފުރުސަތު ފާހަގަ ކޮށްލެވެއެވެ. މި ދެ ހަމަލާ ވެސް މިލަންދޫގެ ކީޕަރު މުހައްމަދު އިމްރާން ވަނީ މަތަ ކޮށްފައެވެ.
މިލަންދޫގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ފެނިގެން ދިޔަ ކީޕަރު އިމްރާނު ވަނީ ދެ ވަނަ ހާފުގައި އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހަމަލާއެއް ވެސް ވަނީ ހުށިޔާރު ކަމާއެކު މަތަ ކޮށްފައެވެ.
10 ސެޕްޓެމްބަރ 2017: އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއުރޭޑިއަންޓް އާއި ށ. މިލަންދޫ ބައްދަލު ކުރި މެޗުގެ ތެރެއިން: 1-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބް ކުރީ ނިއުއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މެޗުގެ 65 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ނިއުގެ ހަމްޕު އަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ފެނަލްޓީ ގޯލަށް ފޮނުވާލީ ގަލާޑޯއެވެ.
މިލަންދޫ އިން ނަތީޖާ ހަމަ ހަމަ ކުރުމަށް ހަމަލާތަށް ވަރުގަދަ ކުރަން ފެށިއެވެ. އެ ގޮތުން މެޗުގެ 77 ވަނަ މިނެޓުގައި އެ ޓީމުގެ އަސްރަރު އަބްދުﷲ އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.
ލީގުގައި މިއަދު ހަވީރު ކުޅު މެޗުގައި ތިނަދޫ ވަނީ ކުޑަހުވަދޫ މައްޗައް ކުރި ހޯދާފަ އެވެ. އެ މެޗުން ތިނަދޫ މޮޅުވި ނަމަވެސް، ލީގު ތާވަލުގައި އެ ޓީމު އޮތް މަގާމަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ކުޅުނު ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ތިނަދޫ އަދިވެސް އޮތީ ތާވަލުގެ ފަސްވަނާގަ އެވެ.
މިރޭގެ މޮޅާއެކު މާޒިޔާ އަށް ވުރެ އެއް މެޗު އިތުރަށް ކުޅިގެން ނިއު މި ވަނީ ތާވަލުގެ އެއް ވަނަ އަށް ޖެހިލާފައެވެ. ނިއު އަށް ކުޅުނު ފަސް މެޗުން ލިބެނީ 12 ޕޮއިންޓެވެ. އެއް މެޗު މަދުން ކުޅިގެން މާޒިޔާ އޮތީ 10 ޕޮއިންޓާއެކު ތާވަލުގެ ދެ ވަނައިގައެވެ. ހިތްދަތި ގޮތަކަށް މިލަންދޫ މިރޭގެ މެޗުން ބަލިވުމުން އެ ޓީމުގެ އޮތީ ދެ ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގައެވެ.