އެލައިޑް އިންޝުއަރެންސް އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގުޅިގެން "އެލައިޑް ހަލް ޕްރޮމޯޝަން"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ ރެއިން ފެށިގެން ޑިސެންބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަަށެވެ.

މިހާރު ދަރުބާރުގޭގައި ކުރިޔަށްގެންދާ މެރިން އެކްސްޕޯގެ ތެރެއިން ރޭ އެލައިޑް އިންޝްއުރެންސުން ފެށި މި ޕްރޮމޯޝަން އިފްތިތާހް ކޮށްދެއްވީ އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އިސްމައިލް އަދުހަމް އެވެެ.

ޕްރޮމޯޝަނާ ބެހޭގޮތުން ވާހަކަދައްކަވަމުން އެލައިޑް އިންޝުއަރަންސްގެ ސީނިއާ މާކެޓިން އޮފިސަރު ރިޝްފާ އައްބާސް ވިދާޅުވީ މި ޕްރޮމޯޝަންގެ މައިގަނޑު މަގްސަދަކީ އޮޑިދޯނިފަހަރަށް ހާއްސަ ޕްރޮޑަކްޓްތަކެއް އެލައިޑުގައި ހުރިކަން އާންމުންނަށް އަންގައިދިނުން ކަމަށެވެ.

ރިޝްފާ ވިދާޅުވީ، މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ މިއަދުން ފެށިގެން އެލައިޑްގެ އިންޝުއަރަންސް ޕެކޭޖްތަކުގެ ތެރެއިން "ބޯޓް ބިލްޑިން އިންޝުއަރަންސް" އަދި "ހަލް އިންޝުއަރަންސް" ޕެކޭޖް އަލަށް ނަގާ ފަރާތްތަކަށް ކަމަށެވެ.

" އޮޑި ބަނުމުގެ މަސައްކަތާއި ހަމައިން ފެށިގެން ދަތުރުތަކަށް އޮޑިބޭލުމަށްފަހުވެސް އެލައިޑްގެ ޕްރޮޑަކްޓްތަކުގެ ހިމާޔަތުގެ ދަށުގައި ދޯނިފަހަރު ދަތުރުކޮށްލުމުގެ ހިތްހަމަޖެހުން ހޯދިދާނެ،" ރިޝްފާ ވިދާޅުވިއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 4 ސްޓްރޯކް 60 ހޯސްޕަވަރު ސުޒުކީ އައުޓްބޯޑް އިންޖީނެއް ލިބޭނެއެވެ.