26 Jul 2011, 17:02
ރައްޔިތުންނަށްވާ ވައުދުތަކަކާއި އެ އެވައުދުތައް ފުއްދޭ މިންވަރެއްގެ މައްޗަށް ނޫނީ ދެން ރާއްޖޭގައި ވެރިކަމެއް ދެމި ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރައްޔިތުންނަށްވާ ވައުދުތަކާއި އެވައުދުތައް ފުއްދުމަށް ވުރެ ބޮޑު މިނިވަންކަމެއް އަދި އެއަށް ވުރެ ވަކިން ހިތްގައިމު މަންޒަރެއް މިނިވަން ގައުމަކުން ފެނިގެނެއް ނުދާނެ ކަމަށާއި މިއަދު ދިވެހިން މިތިބީ އެ ހާލަތަށް ބަދަލުވެފައި ކަމަށެވެ.
މިނިވަންކަން ދަމަހައްޓައި އަށަގެންނެވުމުގެ ހަގީގީ ބިނާ، އޭގެ މައްޗަށް އާރާސްތުވެގެންދާ ބިންގަލަކީ އެގައުމެއްގެ ސިޔާސީ ނިޒާމު ކަމަށާއި ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ދުސްތޫރީ ހަޔާތެއް ރާއްޖެ ތަޖުރިބާކުރަން ފެށިތާ އަދިވީ ވަރަށް މަދު ދުވަސްކޮޅެއް ކަމަށް ވެސް ރައީސ ވިދާޅުވި އެވެ. ދެން ވިދާޅުވީ ރާއްޖޭގެ ޅަފަތުގެ ވެރިކަމުގެ ނިޒާމުން ކުރިމަގަށް ކުރެވޭ އުންމީދުތައް އެތައް ތަނަކުން އަލިވެ އުޖާލާވެފައިވާ ކަމަށެވެ. އަދި ވިދާޅުވި އެވެ: "ވެރިކަމުގެ އުންމީދަކީ ކޮންމެ ރައްޔިތަކަށް ވެސް ކުރެވިދާނެ އުންމީދެއް. ދިވެހި ދައުލަތުގެ ވިރާސީ މާއްދާއަކީ ކަނޑައެޅިގެން ވަކި، މިނެވި ކުރެހިފައިވާ އިންތަކެއްގެ ތެރޭގައި ހިމެނޭ މި ރާއްޖޭގެ ކަނޑުތަކާއި، ފަޅުތަކާއި، ފަރުތަކާއި އަދި ބިން. އެދައުލަތުގެ މިލްކުވެރިންނަކީ، ވަކި ތަފާތެއް ފަރަގެއް ނެތި އިސްވެދިޔަހާ ބަޔަކާއި އެހިނދަކަށް ދިރިތިބި ދިވެހިންނާއި އަދި އަންނާން އޮތް ދިވެހި ދަރިފަސްކޮޅު،"
ރައީސްގެ ތަގުރީރުގައި، ލާމެހިފައިވާ ދުނިޔޭގައި ރާއްޖޭގެ އަމިއްލަވަންތަކަމާއި ދިވެހިން އެދޭގޮތް އެނގި، ފެނިދެނިވަމުން ދަނީ ރާއްޖެފަދަ ޤައުމެއްގެ ބާރުވެރިކަމާއި، ނުފޫޒަށްވުރެ މާބާރުވެރި ދަރަޖައެއްގައި ކަމަށާއި ބައިނަލްއަގުވާމީ ސަފުތަކާއި ހާއްސަކޮށް އދ. މަޖިލީހުގައި، ރާއްޖެއަށް ލިބެމުންދާ ދަރަޖައާއި އިތުބާރު، ދޭހަކޮށްދެނީ ރާއްޖެ ދުނިޔޭގެ ކަންކަމުގައި އަދާކުރާ ދައުރު އެތައް ތަނެއް ފުޅާވެ ކުރިއަރައި ދިއުން ކަމަށް ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ.
"އިންސާނީ ހައްގުތަކާއި ދުނިޔޭގެ ތިމާވެށީގެ ވަކާލާތުގައި މިރާއްޖެ މިވަނީ އިރާދަފުޅާ އެކު ހަމަ އެންމެ ކުރީގައި، ޑިމޮކްރަސީގެ މަގަށް ރާއްޖެ ފުރޮޅާލުމަށް އިހަށް ދުވަހު ދިވެހިން ދައްކައިދިން ނަމޫނާއަށް ވުރެ، ވަކި ރީތި ސުލްޙަވެރި މިސާލެއް ފެނުމަކީ ނާދިރު ކަމެއް. އެހެން ޤައުމުތަކުގެ މިމަސައްކަތުގެ މާދިރީ )ނަމޫނާ( އަކީ ދިވެހިންކަން، މެދުއިރުމައްޗާއި އަދިވެސް ދުނިޔޭގެ ކަންކޮޅުތަކުން މިއަދު ފެންނަމުން އެބަދޭ. މިކަމަށްޓަކައި ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުނަށް އަޅުގަނޑު ފަށްފަށުން ސާބަހާއި ތާރީފު ރައްދުކުރަން،" ރައީސް ވިދާޅުވި އެވެ.
ވެރިކަމުގެ ހަގީގީ ބާރަކީ ރައްޔިތުންނަށް ހިދުމަތްކޮށް އެ ރައްޔިތުންނަށް ފާގަތިކަމާއި ތަނަވަސްކަން ހޯދައިދިނުމުގެ މަސައްކަތުގައި ސަރުކާރުން ފަސްނުޖެހުން ކަމަށާއި އެކަމުގައި ސަރުކާރުން އެންމެ އިންޗިއެއް ވެސް ފަހަކަށް ނުޖެހޭނެ ކަމަށާއި ފަހަތަށް ނުވެސް ޖެއްސޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.