10 Sep 2017, 16:39
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ކަންތައްތަކާމެދު މަޝްވަރާ ކުރުމަށް ބާއްވާ ބައިނަލްއަގްވާމީ ސަމިޓަކަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް، ޖަޕާނުގެ ޓޯކިޔޯ އަށް މިއަދު ފުރާވަޑައިގެންފިއެވެ.
ޗީފް އޮފް ޑިފެންސް ޝިޔާމް ޖަޕާނަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅަކީ މާދަމާ އިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޖަޕާން ކޯސްޓްގާޑް ގުލޯބަލް ސަމިޓް" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެކެވެ.
ދަތުރުފުޅުގައި ކޯސްޓްގާޑް ކޮމާންދަރ ކާނަލް މުހައްމަދު އިބްރާހިމް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ޖަޕާން ކޯސްޓްގާޑް ގުލޯބަލް ސަމިޓަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި މެރިން އެންވާރަމެންޓް ޕްރޮޓެކްޝަނާއި ގުޅުން ހުރި ކަންތައްތަކާއި މެދު މަޝްވަރާކުރެއްވުމަށް ބާއްވާ ސަމިޓެކެވެ. އެ ސަމިޓުގައި 36 ގަައުމެއްގެ އިތުރުން ބޭރުގެ ބައެއް ޖަމިއްޔާތަކުން ބައިވެރިވެއެވެ.
ޖަޕާނަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެވުމަށްފަހު ޝިޔާމް އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހުއެވެ.