ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކްރިމިނަލް ކޯޓުން އިއްވި ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމް އިސްތިއުނާފަށް ހުށަހަޅައިފި އެވެ.

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ކްރިމިނަލް ކޯޓަށް މިއަދު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން ކަނޑައެޅި އުސޫލެއްގެ ދަށުން ހައި ކޯޓުގައި އިސްތިއުނާފު ކުރަންޖެހޭ މައްސަލަތައް ހުށަހަޅަންޖެހެނީ އެ މައްސަލައެއް ނިންމި ކޯޓަކަށެވެ.

މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު ނެގުމަށް ހަމަޖެހުނު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅުވައިގެން މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި މަސީހު ބޭރުކުމަށް ވޯޓު ދެއްވައިފިނަމަ، އެ މެމްބަރަކު ހިމެނިވަޑައިގަންނަވާ ދާއިރާތަކުގެ ޓިކެޓުދިނުމުގެ އިތުރުން އެހެން ހުރިހާ ގޮތަކުން ވެސް އެހީތެރިވެދާނެ ކަމަށް ގާސިމް ވިދާޅުވެފައިވާ ކަމަށެވެ.

ގާނޫނުލް އުގޫބާތުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނުވަތަ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއް ކުރުމުގެ ގޮތުން، ނުވަތަ ނުކޮށްދޫކޮށްލުމުގެ ގޮތުން ޤާނޫނު ހުއްދަނުކުރާ މަންފާއެއް ހުށަހެޅުމަކީ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުން ކުށްވެރިވާ ކަމެއް ކަމަށް އެ ހުކުމްގައިވެ އެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާ ވަކިގޮތަކަށް އަދާކޮށްފިނަމަ، އެ މެންބަރުންނަށް ދާއިރާގެ ޓިކެޓުދޭނެ ކަމަށް ހުށަހެޅުމަކީ އެ މެންބަރުންނަށް ހުށަހެޅޭ މަންފާއެއް ކަމަށެވެ. އަދި އެ މަންފާ ހުށަހެޅެނީ ވޯޓުލާ ގޮތަކަށް ރިއާޔަތްކޮށް، ހާސިލްކޮށްދެވޭ ގޮތުންނަމަ އެ މަންފާއަކީ ހުއްދަ ނޫން މަންފާއެއް ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ (ށ) ކަނޑައަޅާފައިވާ އެ ކުށަކީ ކަމެއް ހުށަހެޅުމުގެ ޠަބީޢަތް ލިބިފައިވާ ކުށެއް ކަމުގައިވާއިރު، އެ ކުށަކީ ބުނާ ބަހަކުން އެކަނި ފުރިހަމަވެދާނެ ކުށެއްކަން އެނގެން އޮންނަ ކަމަށް އެ ހުކުމްގައިވެއެވެ.

އެ ހުކުމްގައި ވަނީ ގާސިމް ދެއްކެވި ވާހަކައަށް ބަލާއިރު އެ ވާހަކައަކީ ވަކި ބަޔަކަށް އަމާޒުކޮށް ދައްކާފައިވާ ވާހަކައެއް ކަމަށާއި ސިޔާސީ ވައުދުތަކާއި ގާސިމް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޚާއްސަކޮށް ދީފައިވާ ދައުވަތުގެ އިބާރާތާއި، ތަފާތު ކަމަށެވެ. އަދި އެ އިބާރާތަކީ ގާނޫނު އަސާސީއާއި ޤާނޫނީ އިމުގެ ތެރެއިން ދައްކާފައިވާ ވާހަކައެއްކަން ގާސިމަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް އެ ހުކުމްގައިވެއެވެ.

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައި ވަނީ ހުކުމަކީ ސައްހަ ހުކުމެއް ނޫން ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން ޣައިރު ހާޒިރުގައި ޝަރީއަތް ނުކުރެވޭނެ ކަމަށާއި ޣައިރު ހާޒިރުގައި ޝަރީއަތް ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ.

ގާސިމްގެ ޝަރީއަތް މިދިޔަ މަހުގެ 24 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް، އަބުރައިގަނެގެން ގާސިމް ވަނީ ކޯޓުތެރެއަށް ވެއްޓިފަ އެވެ. އަދި ގާސިމް އައިޖީއެމްއެޗަށް ގެންދިއުމުން އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާދީފައި ވަނީ ގާސިމްގެ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ދިނުމަށްޓަކައި ފުރާނައަށް ނުރައްކާވުމުގެ ކުރިން ރާއްޖޭން ބޭރަށް ގެންގޮސްގެން ފަރުވާ ދޭންޖެހޭ ކަމަށެވެ.

އައިޖީއެމްއެޗުގައި އެދުމަތިކޮށްގެން ގާސިމަށް ފަރުވާ ދެމުންގެންދިޔަތާ 13 ދުވަސްފަހުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ އޭނާ ސިންގަޕޫރަށް ގެންގޮސްގެން ފަރުވާ ހޯދުމުގެ ހުއްދަ ދީފަ އެވެ. ކަރެކްޝަނަލް ސާވިސްއިން ދީފައިވަނީ 10 ދުވަހުގެ މުއްދަތެވެ.