އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދުއާ ދެކޮޅަށް ކުޅޭ މެޗަކީ ގައުމީ ޓީމު ކުޅުންތެރިންގެ ތަފާތު ދައްކާލުމަށް އޮތް ރަނގަޅު ފުރުސަތެއް ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފިއެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިރޭ 9:00ގައި މިލަންދުއާ ދެކޮޅަށް ނިއު ރޭޑިއަންޓް ނުކުންނާނެއެވެ. އެ މެޗަކީ އޭޝިއަން ކަޕް ކޮލިފައިންގައި މިމަހުގެ ފަސްވަނަ ދުވަހު ރާއްޖެއާއި އޮމާން ބައްދަލުކުރި މެޗަށްފަހު ނިއު ކުޅޭ ފުރަތަމަ މެޗެވެ. އެ މެޗަށް ނެގި ސްކޮޑުގައި ނިއުގެ ނުވަ ކުޅުންތެރިޔަކު ހިމަނާފައިވެއެވެ. އެންމެ ފަހުން ލީގު މެޗެއް ނިއުއިން ކުޅެފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

މިރޭ ކުޅޭ މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނިއުގެ ކޯޗު އޮސްކާ ބުނީ، ގައުމީ ޓީމުގެ ރޭވުންތެރިކަމާއި ނިއުގެ ރޭވުންތެރިކަން ވަރަށް ތަފާތު ކަމަށެވެ.

"މި މެޗަކީ ގައުމީ ޓީމު ކުޅުންތެރިންނަށް ތަފާތު ފުޓްބޯޅައެއް ކުޅެވޭކަން ސާބިތުކޮށްދިނުމަށް ރަނގަޅު ފުރުސަތަކަށް ވާނެ. އަހަރެމެން ބައިވަރު ވީޑިއޯ ބަލައި، ބައިވަރު އެކްސަސައިޒްތައް ކޮށް، ކުޅުންތެރިން މަސައްކަތްކުރަނީ މަގްސަދުތައް ހާސިލްކުރަން. ގައުމީ ޓީމުގެ މެޗަށްފަހު އެ ޓީމުގައި ހިމެނުނު ކުޅުންތެރިން ކުރިއަށްގެންދިޔަ ފަރިތަކުރުމުގެ ސެޝަންގައި އެ ކުޅުންތެރިންނަށް ކޮންމެވެސް ވަރެއްގެ އަސަރުތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވުނު. އަހަރެމެން އެކަންތައް ރަނގަޅު ކުރުމަށް މަޖާ ހަރަކާތްތައް ކުރިއަށް ގެންދިޔައިން،" އޭނާ ބުންޏެވެ.

އޮސްކާ ބުނީ، މިލަންދުއާ ދެކޮޅަށް ކުޅޭ މެޗަކީ ވެސް ނިއުއަށް މުހިންމު މެޗެއް ކަމަށާއި ކުރިއަށްއޮތް ތިން މެޗުގައި ވެސް އިދިކޮޅު ޓީމުތަކުން މަސައްކަތްކުރާނީ ނިއުގެ އެޓޭކް ހުއްޓުވުމަށް ކަމަށެވެ. އަދި އެކަމަށް ނިއުއިން ހައްލު ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެމެން މިލަންދުއާ ދެކޮޅަށް ކުޅޭ މެޗަކީ ވަރަށް މުހިންމު މެޗެއް. އެއަށްފަހު ކުޑަހުވަދުއާއި ތިނަދުއާ ދެކޮޅަށް ނުކުންނަން ޖެހޭނީ. ކުރިއަށްއޮތް ތިން މެޗަކީ އެއްވަރެއްގެ މެޗުތަކެއް. އެ މެޗުތަކުގައި އަހަރެމެންގެ އެޓޭކް ހުއްޓުވުމަށް އިދިކޮޅު ޓީމުތަކުން މަސައްކަތްތައް ކުރާނެ. އެހެންވީމާ އަހަރެމެންނަށް އެކަމަށް ހައްލު ހޯދަން ޖެހޭނެ،" އޭނާ ބުންޏެވެ.

އޮސްކާ ބުނީ، މިލަންދޫއިން އެންމެ ފަހުން ކުޅުނު ދެ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބަށް އުނދަގޫތަކެއް ކުރިމަތި ކުރުވިކަން އެނގޭ ކަމަށާއި މިރޭ ކުޅޭ މެޗުގެ ކުރީކޮޅުގައި ނިއުއިން ލަނޑެއް ކާމިޔާބު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"އަހަރެންގެ ޓީމު ކޮޅަށް ފާއިތުވެދިޔަ ދެ މެޗުގައި ލަނޑެއް ވަދެފައިނުވުމުން އުފާކުރަން. އަހަރެމެންގެ ޑިފެންސް ވަރުގަދަކަން މިހާރު އެނގޭ. ދެން އަހަރެމެން މަސައްކަތްކުރަންވީ އެޓޭކް ވަރުގަދަ ކުރުމަށް ތަފާތު ހައްލެއް ހޯދަން. މި މެޗުގެ ކުރީކޮޅު އަހަރެމެން އެބަޖެހޭ ލަނޑެއް ކާމިޔާބުކުރަން. އެންމެ ފަހުން މިލަންދޫ ކުޅުނު ދެ މެޗުގައި އެ ޓީމުން ވަނީ މާޒިޔާއާއި ޓީސީއަށް ވެސް އުނދަގޫތަކެއް ކުރިމަތި ކުރުވާފައި،" އޭނާ ބުންޏެވެ.

ލީގުގައި މިހާރު ކޮންމެ ޓީމެއް ވެސް ހަތަރު މެޗު ކުޅެފައިވާއިރު، ތާވަލުގެ އެއްވަނާގައި އޮތް މާޒިޔާއަށް ލިބިފައިވަނީ ދިހަ ޕޮއިންޓެވެ. ދެވަނާގައި އޮތް ނިއުއާއި ތިންވަނާގައި އޮތް ކްލަބު ގްރީން ސްޓްރީޓްސްއަށް ވެސް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ނިއު ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ހަތަރުވަނާގައި އޮތް ޓީސީއަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނާގައި އޮތް ގދ. ތިނަދުއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ށ. މިލަންދުއާއި އއ. މާޅޮހަށް ދެ ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ ފުލުގައި އޮތް ދ. ކުޑަހުވަދުއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.