10 Sep 2017, 17:05
މޯލްޑިވްސް ޕޯޓްސް ލިމިޓެޓްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ އޯގަސްޓް މަސް ނިމުނުއިރު ރާއްޖޭގެ އިމްޕޯޓް އަދި އެކްސްޕޯޓް ވަނީ އިތުރުވެފަ އެވެ.
ވޭތުވެދިޔަ އަހަރުގެ އޯގަސްޓްމަހު ދިވެހިރާއްޖެއަށް 2.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ އޯގަސްޓަ މަހު މި ޢަދަދު ވަނީ 3.1 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އެއީ އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2016 ވަނަ އަހަރުގެ އޯގަސްޓްމަހާ އަޅާބަލާއިރު 11 އިންސައްތަ އިތުރު އަދަދެކެވެ.
އިމްޕޯޓް ކުރެވިފައިވާ މުދަލުގެ 19 ޕަސެންޓް ހިއްސާ ވަނީ ޔޫރަޕްގެ ގައުމުތަކުން އެތެރެ ކޮށްފައިވާ މުދަލެވެ. މީގެ އިތުރުން ޗައިނާއިން 13 ޕަސެންޓް، އިންޑިއާއިން %12 އަދި ސިންގަޕޫރު އާއި މެލޭޝިޔާއިން ކޮންމެ ޤައުމަކުން ވެސް 11 ޕަސެންޓްގެ މުދާ ވަނީ އެތެރެކޮށްފައި ކަމަށް މޯލްޑިވްސް ޕޯޓްސް ގެ ތަފާސް ހިސާބު ތަކުން ދައްކަ އެވެ.
ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ޑިއުޓީ އަދި އެހެނިހެން ފީގެ ގޮތުގައި 243 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ ވޭތުވެ ދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 14 ޕަސެންޓް އިތުރު އަދަދެކެވެ.
ފާއިތުވި އޯގަސްޓްމަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހާ އަޅާބަލާއިރު 18 އިންސައްތަ އިތުރުވެފައެވެ. 2016 ވަނަ އަހަރުގެ އޯގަސްޓްމަހު 269 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު 2017 ވަނައަހަރުގެ މިމުއްދަތުގައި މިޢަދަދު ވަނީ 317 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިއެވެ.
މޯލްޑިވްސް ޕޯޓްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދިވެހިރާއްޖެއިން މައިގަނޑު ގޮތެއްގައި މުދާ އެކްސްޕޯޓް ކޮށްފައި ވަނީ މަހުގެ ބާވަތްތަކަށެވެ.
ރާއްޖެއިން މިދިޔަ ޖުލައި މަހު އެކްސްޕޯޓްކުރި މުދަލުގެ 40 ޕަސެންޓް ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، 10 ޕަސެންޓް އެކްސްޕޯޓްކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ.