10 Sep 2017, 14:44
ފަންސާސް ހަ ވަކީލުންގެ ސޮއި ހިމެނޭ ޕެޓިޝަނަކާއި "އޭ ތްރީ" ސައިޒުގެ ބޮޑު ގާނޫނު އަސާސީ އެއް ބަންޑާރަ ނައިބް މުހައްމަދު އަނިލް އަށް ހުށަހަޅައިފިއެވެ.
ޕެޓިޝަނާއި ގާނޫނު އަސާސީ މިއަދު ބަންޑާރަ ނައިބަށް ހުށަހެޅުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެކަމުގައި އިސްކޮށް އުޅުއްވާ މަހްފޫޒް ސައީދު ވިދާޅުވީ، ބަންޑާރަ ނައިބަށް ގާނޫނު އަސާސީއެއް ވެދުމަށް އެރުވީ ގާނޫނުއަސާސީއަށް ވުރެން ފުޅާ ނުވެވޭނެ ކަމުގެ މެސެޖު ދިނުމަށް ކަމަށާއި އެއްވެސް މުއައްސަސާއަކުން ގާނޫނާތަކާ ހިލާފަށް އަމަލުކުރާނަމަ އެތަނަކުން ގާނޫނުގެ ތެރެއަށް ވަނުމަށް ހަދާން ކޮށްދޭނެ ކަމަށެވެ.
"އެއްވެސް މުއައްސަސާއަކަށް އަދި އެއްވެސް އިދާރާއަކަށް ވާނެ ކަމެއް ނޫން އެއީ ގާނޫނުއަސާސީއަށް ވުރެން ފުޅާ ވުމަކީ. އެއީ ސުޕްރީމް ކޯޓާއި ރައީސް އޮފީސް އަދި ޕްރޮސިކިއުޓާ ޖެނަރަލްގެ އިތުރުން ބަންޑާރަ ނައިބުކަމުގައި ވީ ނަމަވެސް ގާނޫނު އަސާސީއަށް ވުރެން ފުޅަލެއް ނުވެވޭނެ،" އޭނާ ވިދާޅުވިއެވެ.

އޭޖީއަށް ޕެޓިޝަނާއި ގާނޫނު އަސާސީ ހުށަހެޅުއްވުމަށްފަހު ވަކީލުން މީޑިއާތަކަށް މައުލޫމަތު ދެއްވަނީ --- ސަން ފޮޓޯ
ބަންޑާރަ ނައިބުގެ އޮފީހަށް މިއަދު ހުށަހެޅި ޕެޓިޝަނަކީ ދާދި ފަހުން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅި ޕެޓިޝަނެވެ. ސުޕްރީމް ކޯޓުން އެ ޕެޓިޝަން ބަލައިނުގަތް ނަމަވެސް މަހްފޫޒް ވިދާޅުވީ، ބަންޑާރަ ނައިބު އޮފީހުގެ ސެކްރެޓަރީ މިއަދު ޕެޓިޝަނާ ގާނޫނު އަސާސީއާ ހަވާލުވި ކަމަށެވެ. އަދި އެ ފަރާތްތަކުން ހުށަހެޅި ޕެޓިޝަނުގައި ހުރި ކަންބޮޑުވުންތަކާ މެދު ސީރިއަސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މަހްފޫޒް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއަދު ބަންޑާރަ ނައިބަށް ވެދުމަށް މިއެރުވީ ވަރަށް ބޮޑު، ވަރަށް ފުޅާ ގާނޫނު އަސާސީއެއް. އޭގެން އެއްވެސް މައްދާއެއް އުނިވެފައެއް ނޯންނާނެ. ހުރިހާ މައްދާއެއް ހަމަތޯ އަޅުގަނޑުމެން ޔަގީން ކުރިން،" ކުރީގެ ބަންޑާރ ނައިބް ހުސްނުލް ސުއޫދު ވިދާޅުވިއެވެ.