19 May 2010, 10:15
14:30
ގުއަންޓަނާމޯބޭ ޖަލުން ބަޔަކު ރާއްޖެ ގެނައުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އެ މައްސަލައިގައި ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް އެ އެކޮމެޓީގެ ތިން މެމްބަރުން ސޮއިކުރައްވައި މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ހުށަހެޅުއްވި ތިން މެމްބަރުންނަކީ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އަދި ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމެވެ.
ޑީއާރްޕީގެ ނައިބު ލީޑަރު އިލްހާމް އަހުމަދު މިއަދު ވިދާޅުވީ އެޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ހުރިހާ މެމްބަރުން ވެސް ބޭނުންވަނީ އެމައްސަލަ ކުރިއަށް ގެންދިއުމަށް ކަމަށެވެ. ނަމަވެސް އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުން އެމައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުންވަނީ ރައީސް މުހައްމަދު ނަޝީދު ވެސް އެމައްސަލައާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވެފައިވާތީ ކަމަށް އިލްހާމް ވިދާޅުވި އެވެ. އިލްހާމް އިތުރަށް ވިދާޅުވީ އެފަދަ ބަޔަކު ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާއިރު އެއީ ކިހިނެތް ހައްޔަރުވެފައި ތިބި ބައެއްތޯ ބަލަންޖެހޭ ކަމަށެވެ.
އިލްހާމް އިތުރަށް ވިދާޅުވީ އެމައްސަލަ ބެލުމަށް ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ ބައްދަލުވުމެއް ބާއްވަން އެދިފައިވަނީ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އެމާއްދާގައި ބުނެފައިވާ ގޮތުން ކޮމެޓީއެއްގައި ހިމެނޭ މެމްބަރުންގެ ތެރެއިން މަދުވެގެން ތިން މެމްބަރުން ގުޅިގެން ހުށަހަޅާ ލިޔުމަކުން ކޮމެޓީގެ ބައްދަލުވުން ބޭއްވުމަށް އެދެވިދާނެ ކަމަށެވެ. އަދި އެފަދަ ހުށަހެޅުމެއް ހުށަހަޅާތާ ތިން ދުވަހުގެ ތެރޭގައި ކޮމެޓީގެ ބައްދަލުވުމެއް ނުބާއްވައިފިނަމަ، އެ ކޮމެޓީގެ އަޣްލަބިއްޔަތު ކަމަށް ބެލެވޭ އަދަދަށް ނިސްބަތްވާ މެމްބަރުން ގުޅިގެން އެކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް ނޯޓިސް ދެވިދާނެ ކަމަށެވެ.