ވަޅިއަކުން ބިރުދައްކައި ފިރިހެނެއްގެ ދަބަސް ފޭރިގަންނަން މަސައްކަތްކުރި ބަޔަކު ހުއްޓުވައި އެމީހުން ބޭނުންކުރި ސައިކަލް ފުލުހަކު އަތުލައިގެންފި އެވެ.

ފުލުހުން ބުނި ގޮތުގައި، އިއްޔެ ހެނދުނު 9:30 އެހާކަންހާއިރު ހިނގި އެ ހާދިސާގައި އެމީހުން ވަޅިއަކުން ބިރުދެއްކުމަށް ފަހު ދަބަސް ފޭރިގަންނަން މަސައްކަތްކޮށްފައި ވަނީ ސަލްޓަން ޕާކުގެ އިރުން އޮންނަ ޝަހީދު ކުޑަ އާދަމް ކުޑަތުއްތު ހިނގުމުން އެފިރިހެން މީހާ ހިނގާފައި ދަނިކޮށެވެ.

ފޭރެން އުޅުނު މީހުން ހުއްޓުވީ އެސަރަޙައްދުން ދިޔަ ޓްރެފިކް ޕޮލިސްގެ ފުލުހަކެވެ.

ފުލުހުން ބުނީ، ވަޅިއަކުން ފިރިހެނެއްގެ ކަރުގައި ޖައްސައި ބިރުދެއްކުމަށް ފަހު އެ މީހާގެ ދަބަސް ފޭރިގަންނަން އުޅުނު މަންޒަރު ފެނުމާ އެކު އެވަގުތު އެސަރަޙައްދުން ދިޔަ ޓްރެފިކް ޕޮލިސް މީހާ ވަގުތުން އެމީހުންނާ ކުރިމަތިލި ކަމަށާއި އެ ކުރިމަތިލުމުގެ ތެރޭގައި އެމީހުން ފުލުސް މީހާ އަށް އަނިޔާކުރުމަށް ވެސް މަސައްކަތް ކުރި ކަމަށެވެ.

"ފޭރިގަންނަން މަސައްކަތްކުރި މީހުން ބޭނުންކުރި ސައިކަލްގައި ޖައްސާ ސައިކަލް ވައްޓާލުމަށް ފަހު އެމީހުން ހުއްޓުވުމަށް މަސައްކަތް ކުރުމުން އެމީހުން ވަނީ އެ ފުލުހުންގެ މީހާއަށް ވަޅިން ހަމަލަދޭން މަސައްކަތް ކޮށްފަ އެވެ. އަމިއްލަ ދިފާއުގައި ހުނަރުވެރިކަމާ އެކު މަސައްކަތް ކުރަމުން އެމީހުން ބޭނުންކުރި ސައިކަލް އެވަގުތު ވަނީ އެ ފުލުހުންގެ މީހާގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފަ އެވެ. އަދި އެވަގުތު އެހަމަލަދޭން މަސައްކަތްކުރި މީހުން ވަނީ އެސަރަޙައްދުން ފިލައިފަ އެވެ،" ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

އެއްވެސް ހަތިޔާރެއް އަތުގައިނެތި ނުރައްކާތެރި ހަތިޔާރަކާ އެކު ފޭރެން މަސައްކަތްކުރި ބަޔަކާ ކުރިމަތިލައި އެމީހުން ހުއްޓުވުމަށް އެ ފުލުސް މީހާ ކުރި މަސައްކަތް ފާހަގަކުރައްވައި، ޕޮލިސް ކޮމިޝަނަރު މުހައްމަދު ފަސީހާއި ފުލުހުންގެ އިސްވެރިން ވަނީ ޝުކުރު އަދާކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.