ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް، އެކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް ހުއްޓުވުމަށް އެކުލަވާލި ގައުމީ އެކްޝަން ޕްލޭނަށް ކުޑަކުދިންގެ ހިޔާލާއި ބައިވެރިވުން ހޯދައިފިއެވެ.

ޖެންޑާ މިނިސްޓްރީ އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެން، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކަމާ ގުޅުންހުރި ދާއިރާތަކުން ކުރެވޭނެ މަސައްކަތްތައް ހިމެނޭ ގޮތުގެ އެކްޝަން ޕްލޭނެއް އެކުލަވާލާފައިވަނީ، މިދިޔަ މަހުގެ ތެރޭގައި ބޭއްވި "ނޭޝަނަލް ކޮންފަރެންސް އޮން ވަޔަލަންސް އެގެއިންސްޓް ޗިލްޑްރަން" ކޮންފަރެންސްގައެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، ކުރިއަށް އޮތް ދެ އަހަރަށް އަމާޒު ކޮށްގެން އެކުލަވާލި އެ އެކްޝަން ޕްލޭނަށް ކުޑަކުދިންގެ ހިޔާލު ހޯދުމަށް ބޭއްވި ފޯރަމްގައި 15 އަހަރާއި 17 އަހަރާ ދެމެދުގެ 34 ސްކޫލްތަކުގައި ކިޔަވާ ކުދިން ބައިވެރިވި ކަމަށެވެ.

އަނިޔާއިން ކުދިން ރައްކާތެރި ކުރުމުގެ އެކްޝަން ޕްލޭނަށް ކުޑަކުދިންގެ ހިޔާލު ހޯދުމަށް ބޭއްވި ފޯރަމްގެ ތެރެއިން --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

އެ ކުދިންގެ ތެރޭގައި ޖަމާލުއްދީން ސްކޫލުގައި ކިޔަވަމުންދާ އަޑުއިވުމުން މަހްރޫމް ވެފައިވާ ދަރިވަރުން ވެސް ވަނީ ބައިވެރިކޮށްފައެވެ.

އޭގެ އިތުރުން އެ ފޯރަމްގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް، މެޕްސް އިންޓަނޭޝަނަލް ހައި އަދި ސެންޓަރ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) އިން ކުދިން ބައިވެރިވިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، ކުޑަކުދިން ބައިވެރިކޮށްގެން ހިންގި ފޯރަމްގައި ގައުމީ އެކްޝަން ޕްލޭނާ ގުޅޭގޮތުން ކުދިންގެ މެދުގައި މަޝްވަރާކޮށް، އެ ކުދިންގެ ހިޔާލުތައް ކަރުދާހެއްގެ ސިފައިގައި ހުށަހެޅި ކަމަށެވެ.

އަނިޔާއިން ކުދިން ރައްކާތެރި ކުރުމުގެ އެކްޝަން ޕްލޭނަށް ކުޑަކުދިންގެ ހިޔާލު ހޯދުމަށް ބޭއްވި ފޯރަމްގެ ތެރެއިން --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

އަދި ރާއްޖޭގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ނިޒާމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށް، އެކަންކަން ހައްލުކުރުމަށްޓަކައި މުއައްސަސާތަކުން ކުރެވިދާނެ ކަންތައްތަކާމެދު ކުދިންގެ ވިސްނުން ވަނީ ހިއްސާ ކޮށްފައެވެ.

އޭގެ އިތުރުން އާންމުން ހޭލުންތެރިކުރުވުމަށް ކުރެވިދާނެ ކަންކަމާއި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާ ގުޅޭގޮތުން ގާނޫނީ ނިޒާމުގެ ތެރެއިން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ކުދިން މަޝްވަރާ ކޮށްފައިވެއެވެ.