އެންގޯލޯ ކަންޓޭގެ ލަނޑާއެކު ލެސްޓާ ސިޓީގެ މައްޗަށް ކުރި ހޯދައި އިނގިރޭސި ޕްރިމިއާ ލީގުގެ ތިންވަނަ މަގާމަށް ޗެލްސީ ޖެހިލައިފިއެވެ.

ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ކުޅުނު އެ މެޗު ޗެލްސީން ކާމިޔާބުކުރީ 1-2ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓު ލިބިގެން ޗެލްސީ އޮތީ ތާވަލުގެ ތިން ވަނައިގައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ޗެލްސީންނެވެ. އެގޮތުން ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ސެސާ އަޒްޕެލިކުއެޓާ ނަގައިދިން ހުރަސް، ޗެލްސީގެ ސްޕެއިން ފޯވާޑް އަލްވަރޯ މޮރާޓާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

މޮރާޓާގެ ގޯލުން ފުރަތަމަ ހާފް ޗެލްސީން ނިންމާލިއިރު، ދެވަނަ ހާފްގެ ކުރީކޮޅު އެންގޯލޯ ކަންޓޭ ވަނީ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ.

މެޗުގެ 62 ވަނަ މިނެޓުގައި ލެސްޓާއަށް އުންމީދެއް އާކޮށްދީ ޗެލްސީއަށް ޖޭމީ ވާޑީ ވަނީ ޕްރެޝަރާ ކުރިމަތި ކުރުވައިފައެވެ. ނަމަވެސް ޗެލްސީގެ ޑިފެންސް ވަނީ ލެސްޓާ އިން ދެވަނަ ގޯލެއް ޖެހިޔަނުދީ ހުއްޓުވާފައެވެ.

ލީގުގައި ޗެލްސީ ދެން ނުކުންނަން ޖެހޭނީ އާސެނަލްއާ ދެކޮޅަށެވެ. އަދި ލެސްޓާ ނުކުންނާނީ ހަޑާސްފީލްޑްއާ ދެކޮޅަށެވެ.

ޕްރިމިއާ ލީގުގައި މިރޭ އާސެނަލުން ވަނީ އަމިއްލަ ދަނޑުގައި ކުޅެ، ބޯންމަައުތުގެ މައްޗަށް ފަސޭހަކަމާއެކު 0-3 ލަނޑުން ކުރި ހޯދައިފައެވެ. ހަމަ އެ ނަތީޖާ އިން ޓޮޓެންހަމް ވަނީ އެވަޓަންގެ މައްޗަށް ކުރި ހޯދައިފައެވެ.