10 Sep 2017, 00:05
އިނގިރޭސި ޕްރިމިއާ ލީގުގައި އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ ލިވަޕޫލް ކޮޅަށް މެންޗެސްޓާ ސިޓީން ފަސް ލަނޑު ޖަހައި، ތަފާތު ދައްކާލައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި ލިވަޕޫލްގެ މައްޗަށް ސިޓީން ކުރި ހޯދީ 0-5ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު ތާވަލުގެ ކުރީގައި ސިޓީ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ދިހަ ޕޮއިންޓާއެކުއެވެ.
މެޗުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް އެޓޭކިން ގޭމެކެވެ. އެގޮތުން މެޗުގެ 24 ވަނަ މިނެޓްގައި ސާޖިއޯ އަގުއެރޯ ވަނީ ލަނޑެއް ޖަހައި ސިޓީއަށް ލީޑު ނަގައިދީފައެވެ. ނަތީޖާ އެއްވަރުކުރަން ލިވަޕޫލުން މަސައްކަތް ކުރަމުން ދަނިކޮށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 37 ވަނަ މިނެޓުގައި ސިޓީގެ ކީޕަރު އެޑާސަންއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ލިވަޕޫލްގެ ސަޑިއޯ މާނޭއަށް ރަތް ކާޑު ދެއްކުމުންނެވެ.
އެ ރަތް ކާޑާއެކު ސިޓީން މެޗު ޑޮމިނޭޓުކޮށް ކުޅުމުގެ ނަތީޖާއަކަށް ވީ ފުރަތަމަ ހާފުގެ ފަހުވަގުތު ގެބްރިއަލް ޖީސަސް ލަނޑެއް ޖަހައި ސިޓީއަށް ލީޑު ފުޅާ ކުރުމެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ސިޓީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފްގެ ކުރީކޮޅު އަގުއެރޯ ދިން ޕާހަކުން ގެބްރިއަލް ވަނީ ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ސިޓީގެ ފަހު ދެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލެރޯއީ ސާނޭއެވެ.
ފަސް ގޯލުގެ ތަފާތުން ލިވަޕޫލްގެ މައްޗަށް ސިޓީން ކުރި ހޯދިއިރު މިއީ 1937 ވަނަ އަހަރަށްފަހު ލިވަޕޫލްގެ މައްޗަށް ސިޓީން ހޯދި އެންމެ ތަފާތު ބޮޑު މޮޅުކަން ފާހަގަކޮށްލެވެއެވެ.
މިއީ ލިވަޕޫލުން ފަހުގެ ތާރީހެއްގައި މިހާ ބޮޑު ނަތީޖާއަކުން ބަލިވި ފުރަތަމަ ފަހަރެވެ. އެ ނަތީޖާއާއެކު ލިވަޕޫލް ކުޅުނު ހަތަރު މެޗުން ލިބިފައި ވަނީ އެންމެ ހަތް ޕޮއިންޓެވެ.