ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާއާ ގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދެއްކި ވާހަކަތައް ގާސިމްގެ ގާނޫނީ ވަކީލު ހިސާން ހުސައިން ދޮގު ކުރައްވައިފިއެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން މިއަދު "ސަން" އަށް ވިދާޅުވެފައި ވަނީ ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކުރަން މިހާތަނަށް އެދިފައިނުވާ ކަމަށެވެ.

ލުގުމާންގެ ވާހަކަތައް ދޮގުކުރައްވައި ހިސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި މިއަދު ކަރެކްޝަންސް އަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި ހެނދުނު 10:00ގައި އެ ސިޓީ އެ ސާވިސް އިން ވަނީ ބަލައިގެންފައިވާ ކަމަށެވެ.

ގާސިމް އިބްރާހިމްގެ ދަރިކަލުން މުހައްމަދު ޔަގްސާން ގާސިމް ސޮއިކުރައްވައި ފޮނުވި އެ ސިޓީ ހިސާންގެ ޓްވީޓުގައި ވަނީ އެޓޭޗް ކުރައްވާފައެވެ.

އެ ސިޓީގައި ވަނީ ސިންގަޕޫރުގެ ޕެރަގަން މެޑިކަލް ސެންޓަރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސާ ސެންޓަރުގައި ހިތުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށެވެ.

އެ ސިޓީގައިވާ ގޮތުން ޑޮކްޓަރު ލަފާދެއްވާފައި ވަނީ ކޮރޮނަރީ އެންޖީއޯޕްލާސްޓީ އަދި ކޮރޮނަރީ އެންޖިއޯ ޕްލާސްޓީ ހެއްދެވުމަށެވެ. އެ ޕްރޮސީޖާ މި މަހުގެ 15 ވަނަ ދުވަހު ހެއްދެވުމަށް ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ނޮވެނާ ހޮސްޕިޓަލްގައި މިހާރު ޝެޑިއުލްކޮށްފައިވާ ކަމަށް ވެސް އެ ސިޓީގައިވެއެވެ.

"ޑޮކްޓަރު ލަފާދެއްވާފައި ވަނީ ބައްޕަގެ ހާލަތު ސްޓޭބަލް ވަންދެން އެމަނިކުފާނުގެ ކޮންޑިޝަން ގާތުން މޮނިޓާ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި އެކަމަށް ތިން މަސް ދުވަސް ހޭދަވާނެ ކަމަށެވެ. އަދި އެމަނިކުފާނަށް ވައިގެމަގުން ދަތުކުރެވޭނީ 2017 ޑިސެމްބަރުގެ ފަހުން ކަމަށް ވެސް ޑޮކްޓަރުން އަންގަވާފައިވެއެވެ،" ގާސިމްގެ ދަރިކަލުން ފޮނުއްވި ސިޓީގައިވެއެވެ.

އެ ސީޓުގައި ގާސިމްގެ ދަރިކަލުން އެދިވަޑައިގެންފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ސިންގަޕޫރުގައި އެމަނިކުފާނު ހުންނެވުމުގެ ހުއްދަ ދެއްވުމަށާއި އަދި ބޭސްފަރުވާ ކުރުމަށް ދީފައިވާ މުއްދަތު ވެސް އިތުރުކޮށްދިނުމަށެވެ.

އެ ސިޓީއާއެކު ޑޮކްޓަރުގެ ލިޔުމުގެ ކޮޕީ ވެސް ވަނީ ހުށަހަޅާފައެވެ.

ހިތުގެ އާލާސްކަންފުޅަކަށް އެތައް ފަހަރެއްގެ މަތިން ފަރުވާ ހޯއްދެވި ގާސިމް އިތުރު ފަރުވާއަށް ސިންގަޕޫރަށް ފުރުމުގެ ހުއްދަ ސަރުކާރުން ދިނީ އައިޖީއެމްއެޗުން ފަރުވާ ހޯއްދަވަމުން ގެންދަވާތާ 13 ދުވަސް ފަހުންނެވެ.

އަދި އައިޖީއެމްއެޗުން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އޭނާގެ މައްޗަށް ތިން އަހަރާ ދެ މަހާ 12 ދުވަހުގެ ހުކުމެއް ކުރިއިރު، ގާސިމްގެ ޖަލު ހުކުމް، ގޭ ބަންދުގައި ތަންފީޒު ކުރަންޖެހޭ ގޮތަށް ފަހުން ވަނީ ނިންމާފައެވެ.