09 Sep 2017, 22:59
މިޔަންމާގައި މުސްލިމުން ދިރިއުޅޭ ރަހީން ސްޓޭޓުގައި އެގައުމުގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގައި ހާލުގައި ޖެހެމުންދާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އެހީވުމަށް އޮސްޓްރޭލިއާ އަދި ކުވޭތުން ޖުމްލަ 6.1 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ނިންމައިފިއެވެ.
އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު ޖޫލީ ބިޝޮޕް މިއަދު ވިދާޅުވީ، މިޔަންމާގެ ރަހީން ސްޓޭޓުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުން ނުހަނު ކަންބޮޑުވާ ކަމަށާއި ރޮހިންޔާ މުސްލިމުން ރައްކާތެރިކުރުމަށް މިޔަންމާ ސަރުކާރަށް ގޮވާލާ ކަމަށެވެ.
ރޮހިންޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިޔަންމާ ސަރުކާރާ ދެކޮޅަށް އޮސްޓްރޭލިއާގައި މީގެ ދެ ދުވަސް ކުރިން މުޒާހަރާ ކޮށްފައިވާއިރު، އެގައުމުން ވަނީ އެ ހަމަލާތަކުން ސަލާމަތްވެ އަވަށްޓެރި ބަނގުލަދޭޝްއަށް އެތެރެވަމުންދާ ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ފަސް މިލިއަން އެމެރިކާ ޑޮލަރު ދޭން ނިންމާފައެވެ.
އޭގެ އިތުރުން ކުވޭތުގެ އިސްލާމިކް މިނިސްޓަރު އަދި މުނިސިޕަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު އަލް ޖަބްރީ ވަނީ ރޮހިންޔާ މުސްލިމުންނަށް މިހާރުން މިހާރަށް ބޭނުންވާ އެހީތަކަށް 1.5 މިލިއަން ޑޮަލަރު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެހީގެ ގޮތުގައި ފޮނުވާ އެ ތަކެތީގެ ތެރޭގައި ކާނާ އާއި އަންނައުނު އަދި ބޯހިޔާވަހިކަމަށް ބޭނުންކުރާނެ ޓެންޓު ހިމެނޭނެ ކަމަށް ވިދާޅުވިއެވެ.
ކުވޭތުން ބުނީ، އެގައުމުން ދޭ އެ އެހީއަކީ ރޮހިންޔާގެ މުސްލިމުން މިހާރު ތަހައްމަލު ކުރަމުންދާ ދަތިވޭނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މިޔަންމާގެ މުސްލިމު އަހުންނަށް އެހީވުމަށް އަލް ޖަބްރީ ވަނީ ގޮވާލައްވާފައެވެ.
މިޔަންމާގައި މިހާރު ހިނގަމުންދާ އަނިޔާވެރިކަަން ފެށުނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ރޮހިންޔާ ދަރިކޮޅަށް ނިސްބަތްވާ ކުޑަ ގްރޫޕަކުން ''ބޯޑާ ޕޯސްޓް''ތަކަކަށް ހަމަލާދިނުމާ ގުޅިގެން ކަމަށްވެއެވެ.
އެ ހަމަލާތައް ހައްދުފަހަނަ އަަޅައިގެން ގޮސް، ލިބެމުންދާ އަނިޔާތަކަށް ކެތްނުކުރެވި އެތައް ބަޔަކު އަވަށްޓެރި ބަނގުލަދޭޝްއަށް އެތެރެވަމުންދާއިރު، އދ.ގެ ރެފިއުޖީންނާ ބެހޭ ކޮމިޝަނުން ބުނާގޮތުގައި ވޭތުވެދިޔަ ދެ ހަފްތާތެރޭގައި މިޔަންމާ ދޫކޮށް، ބަންގާޅަށް ހިޖުރަކުރި މުސްލިމުންގެ އަދަދު 270،000 އަށް ވަނީ އަރާފައެވެ.