ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑުވަޅުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުންނާއި ސަރުކާރާ ހިޔާލު ތަފާތުވާ ބައެއް ރައްޔިތުން ގެންދަނީ ސަރުކާރުން ކުރާ ކަންތައްތަކަށް އެކި ގޮތްގޮތުން ފާޑުކިޔުން އަމާޒު ކުރަމުންނެވެ. ހާއްސަކޮށް ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ފާޑުކިޔުން އަމާޒުވާލެއް އިތުރެވެ.

އިދިކޮޅު ފަރާތްތަކުން ބުނާގޮތުން ސަރުކާރަށް އެ ފާޑުކިޔުންތައް އަމާޒުވަނީ ހިންގާ ބައެއް މަޝްރޫއުތައް ދޯދިޔާވުމުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންތަކެއްވެ، ފަހުން އެ ކަންކަން ދެވަނަ ފަހަރަށް ކުރަން ޖެހުމުންނެވެ.

ސަރުކާރުގެ ޕްރޮޖެކްޓުތަކުގެ ތެރެއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް މަޝްރޫއަކީ ހުޅުލެއާއި މާލެއާ ދެމެދު އަޅަމުންދާ ޗައިނާ-މޯލްޑިވްސް ފުރެންޑްޝިޕް ބުރިޖެވެ. ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިންނާ ހަވާލު ކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއަކީ 200 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެކެވެ.

ސޯޝަލް މީޑިއާގައި މިއަދު ދަނީ ލޮނު ޒިޔާރަތްކޮޅުން މިހާރު ފެންނަން ހުރި ވަގުތީ ބްރިޖާ ވައްތަރު ބްރިޖަކަށް ބިޔަ ރާޅުތަކެއް އަރާ ވީޑިއޯއެއް ފެތުރެމުންނެވެ. އެ ވީޑިއޯގައި ފެންނަ ބްރިޖުގައި ބޮކި ދަނޑިތަކެއް ހަރުކޮށްފައި ހުރި ތަން ފެންނައިރު، އެތަނަށް ބިންދަމުންދާ ރާޅުތަކުން ސަލާމަތްވުމަށް ބަޔަކު ދުވާތަން ވެސް ފެނެއެވެ.

އެ ވީޑިއޯ ޝެއާކޮށް ހަދާ މީހުން ބުނަމުންދާ ގޮތުން އެ ވީޑިއޯއިން އެ ފެންނަނީ ރާޅުގަނޑު ކޮޅުން މިހާރު ފެންނަން ހުރި ވަގުތީ ބްރިޖެވެ. އަދި ސަރުކާރުން ކުރާ އެއްވެސް ކަމެއް ރަނގަޅު ނޫންކަމަށް ބުނެ ސޯޝަލް މީޑިއާގައި ސަރުކާރަށް ދަނީ ގިނަ ބަޔަކު ފާޑުކިޔުން އަމާޒު ކުރަމުންނެވެ.

އެކަމަށް ރައްދު ދެއްވާ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަސްލު ބްރިޖާއި ޓްރެސަލް ބްރިޖުގެ ތަފާތު ދެނެގަންނަން ޖެހޭ ކަމަށެވެ. އަދި އަސްލު ބްރިޖު އެތައް މީޓަރެއް އުސްވެފައި ޑިޒައިން ކޮށްފައި ހުންނާނީ މޫސުމީ ބަދަލުތަކުގައި ވެސް ރައްކާތެރި ގޮތަކަށް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި އަޅަމުންދާ ޗައިނާ-މޯލްޑިވްސް ފުރެންޑްޝިޕް ބުރިޖަކީ ދިގުމިނުގައި ޖުމްލަ ދެ ކިލޯ މީޓަރު އަދި ފުޅާ މިނުގައި 20.3 މީޓަރު ހުންނަ ބްރިޖެކެވެ. އަދި ބުރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދުތަކަށް ދަތުރުކުރެވޭއިރު މެދު ދިޔާގައި ބްރިޖުގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.