26 Jul 2011, 16:06
ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އޭ ކަޓަގަރީން ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ 10 ފަރާތަށް ގޯތީގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ހަވާލުކޮށްދެއްވައިފި އެވެ.
ސަރުކާރުން ފަށާފައިވާ ވެށިފަހި ޕްރޮގްރާމްގެ ދަށުން އެ ފަރާތްތަކަށް ގޯތީގެ ލިޔުން ރައީސް ހަވާލުކޮށްދެއްވީ ވެށިފަހި މާލޭ އޮފީސް ހުޅުވައިދެއްވުމަށް މިއަދު މެންދުރު އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭ ކެޓަގަރީއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބުނު 10 ފާރާތަކީ އޭ ކެޓަގަރީއަށް ކުރިމަތިލި 1185 މީހުންގެ ތެރެއިން ޝަރުތު ހަމަވި ދިހަ މީހުންނެވެ.
އޭކެޓަގަރީގެ މީހުންނަކީ މާލެއިން ކުދިން ބިންކޮޅެއް ލިބިފައިވާ މީހުންގެ ތެރެއިން އެ ބިންކޮޅު ދޫކޮށްލުމަށްފަހު ހުޅުމާލޭއިން ބިން ކޮޅެއް ހޯދުމަށް އެދި ހުށަހަޅާފައިވާ މީހުންނެވެ. އެފަރާތްތަކަށް ހުޅުމާލެއިން 1200 އަކަފޫޓުގެ 250 ގޯތި ދޫކުރުމަށް ވަނީ ހަމަޖައްސާފަ އެވެ.
އޭ ކަޓަގަރީއަށް ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރޭގައި ބިން ކޮޅެއް ނެތް ފަރާތްތައް ވެސް ހިމެނޭ ކަމަށާއި ނަމަވެސް އެއިން އެއްވެސް ފަރާތެއްގެ ފޯމް ބާތިލްވެގެން ނުދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވި އެވެ. އަދި ބޯހިޔާވަހި ކަމެއް ނެތް ހުރިހާ ފަރާތްތަކަށް ވެސް ސަރުކާރުން ކޮންމެވެސް ގޮތެއް ހޯދައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އޭ ކެޓަގަރީން ގޯތި ލިބޭ ފަރާތްތަކަށް ގޯތި އިމާރާތްކުރުމަށް ހައުސިން ޑިވެލޮމްމަންޓް ފައިނޭންސް ކޯޕަރޭޝަން )އެޗްޑީއެފްސީ( އިން ލޯނު ދޫކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެފަރާތްތަކަށް ސަރުކާރުން ދޫކުރާ ލޯންތައް، ގެ އެޅުމަށް ބޭނުންކުރުމަށާއި އެ ލޯންގެ ބޭނުންކުރާ ގޮތް ސަރުކާރުން ބަލަމުންގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
"ހައުންސިން ލޯނުން އެގެ އަޅެން ޖެހޭނީ ސަރުކާރުން ދައްކާ ގޮތަކަށް، އެލޯން ލިބޭ ފަރާތްތަކުން ބެލުންތެރިކަމާ އަމާނާތްތެރިކަމާއެކު ލޯންގެ ބޭނުން ކުރަންޖެހޭ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ބޯހިޔާވަހިކަން ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ވެށި ފަހު ޕްރޮގްރާމްގެ ދަށުން ހުޅުމާލެ އާއި މާލެއިން ދޫކުރުމަށް ހަމަޖައްސާފައިވާ ގޯއްޗާއި ފްލެޓަށް އެދި 19،000 އަށްވުރެ ގިނަ ފަރާތުން ފޯމް ހުށަހަޅާފައިވެ އެވެ. އެ ޕްރޮގްރާމްގެ ދަށުން ހުޅުމާލޭއިންނާއި މާލެއިން ދޫކުރުމަށް ހަމަޖައްސާފައިވާ ގޯއްޗާއި ފެލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އޭ ކެޓަގަރީގެ އިތުރުން ބީ އާއި ސީ ކެޓަގަރީން ފޯމް ހުށަހެޅި ފަރާތްތަކުގެ ފޯމްތައް ދިރާސާ ކުރަމުން ގެންދާ ކަމަށް ފެށި ފަހި މާލެ އޮފީހުން ބުންޏެވެ.