ބޭސްފަރުވާއަށް މިހާރު ސިންގަޕޫރަށް ވަޑައިގެން އުޅުއްވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކުރަން އެދިފައި ނުވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ގާސިމް ބޭސް ފަރުވައަށް ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި އޭނާއަށް ސިންގަޕޫރުގައި ހުންނަވައިގެން ބޭސްފަރުވާ ކުރެއްވުމަށް ކަރެކްޝަނުން ދީފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ.

ނަމަވެސް ގާސިމްގެ ބޭސްފަރުވާއަށް ތިން މަހަށް ސިންގަޕޫރުގައި މަޑުކުރެއްވުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޯޓް ކޮށްފައެވެ. އެކަމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީން އަދި ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ވެސް ރަސްމީކޮށް އަދި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

މީޑިއާ ރިޕޯޓްތަކާ ގުޅޭގޮތުން ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން 'ސަން' އަށް މިއަދު ވިދާޅުވީ، ބޭސްފަރުވާ ކުރުމަށް ގާސިމަށް ދީފައިވާ މުއްދަތު އިތުރު ކޮށްދިނުމަށް އެދި އެ ސާވިސްއަށް މިހާތަނަށް ހުށަހަޅާފައިނުވާ ކަމަށެވެ.

ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާ މީހުންގެ ބޭސްފަރުވާގެ މުއްދަތު އިތުރު ކުރަން ހުށަހެޅުމުން، އެކަން ވަކިގޮތަކަށް ނިންމާނީ ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުންނެވެ.

ހިތުގެ އާލާސްކަންފުޅަކަށް އެތައް ފަހަރެއްގެ މަތިން ފަރުވާ ހޯއްދެވި ގާސިމް އިތުރު ފަރުވާއަށް ސިންގަޕޫރަށް ފުރުމުގެ ހުއްދަ ސަރުކާރުން ދިނީ އައިޖީއެމްއެޗުން ފަރުވާ ހޯއްދަވަމުން ގެންދަވާތާ 13 ދުވަސް ފަހުންނެވެ.

އަދި އައިޖީއެމްއެޗުން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އޭނާގެ މައްޗަށް ތިން އަހަރާ ދެ މަހާ 12 ދުވަހުގެ ހުކުމެއް ކުރިއިރު، ގާސިމްގެ ޖަލު ހުކުމް، ގޭ ބަންދުގައި ތަންފީޒު ކުރަންޖެހޭ ގޮތަށް ފަހުން ނިންމިއެވެ.