09 Sep 2017, 16:55
ނިއު ރޭޑިއަންޑް ސްޕޯޓްސް ކުލަބުގެ 38 އަހަރުވީ ދިގު ތާރީޚުގައި އެ ކުލަބަށް 100 ލަނޑު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔަކަށް ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ވެގެން ހިނގައްޖެއެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ މަހުގެ 24 ވަނަ ދުވަހުގެރޭ އއ. މާޅޮސް ކޮޅަށް ދަގަނޑޭ ޖެހި ދެ ވަނަ ލަނޑަކީ އޭނާ ނިއު އަށް ޖަހައިދިން 100 ވަނަ ލަނޑެވެ.
ދަގަނޑޭ އެންމެ ފުރަތަމަ ނިއު އަށް ކުޅުނީ 2006 ވަނަ އަހަރާއި 2007 ވަނަ އަހަރު އެވެ. އެގޮތުން ނިއު އަށް އޭނާ އެންމެ ފުރަތަމަ ޖަހައިދިން ލަނޑަކީ އެ އަހަރުގެ ކަޕްވިނާސް ކަޕުގައި ބަދަލުގައި ކުޅުންތެރިއެއްގެ ގޮތުގައި އަރައި ޕެނަލްޓީ އަކުން ކާމިޔާބުކުރި ލަނޑެކެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެ ޓީމަށް ޖުމްލަ 30 ލަނޑު ޖަހައިދީފަ އެވެ.
އޭގެ ފަހުން 2012 ގައި ދަގަނޑޭ ނިއު އާ އަލުން ގުޅި ލީގާއި ޕްރެޒިޑެންޓްސް ކަޕް މެޗަކުން ބަލިނުވެ ނިއު އަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އެވެ. އަދި 2013 ވަނަ އަހަރުގެ ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުން ނިއު ޖާގަ ހޯދިއިރު ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. އެ ފަހަރު އޭނާ ވަނީ ނިއު އަށް 66 ލަނޑު ޖަހައި ދީފައެވެ.
އެންމެ ފަހުން މި އަހަރު އަލުން ނިއު އަށް ބަދަލުވެ މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ދަނގަޑޭ ވަނީ ހަތަރު ގޯލް ޖަހައިދީފައެވެ.
ދަގަނޑޭ ކްލަބް ކެރިއަރުގައި އެންމެ ގިނަ ލަނޑު ޖަހައިދީފައިވަނީ ކެރިއަރު ފެށި ކްލަބް ވެލެންސިއާ އަށެވެ. އޭނާ ވަނީ އެ ކުލަބަށް 104 ގޯލް ޖަހައިދީފަ އެވެ.