ހަވާނާ (ސެޕްޓެމްބަރު 9): އެޓްލާންޓިކް ސަރަހައްދަށް މިހާތަނަށް އެރި އެންމެ ނުރައްކާތެރި ތޫފާން ކަމަށްވާ ހަރިކޭން އިރްމާ ކިއުބާއަށް އަރައިފި އެވެ.

ކެޓެގަރީ ފަހެއްގެ ބާރު ހުރި އެތޫފާން ކިއުބާއަށް އެރީ ކެރީބިއަން ރަށްތަކަށް އަރައި، ބޮޑެތި ގެއްލުންތައް ދިނުމަށް ފަހުގަ އެވެ. އެއީ ފަހުގެ ތާރީހުގައި ކިއުބާއަށް ކެޓެގަރީ ފަހެއްގެ ތޫފާނެއް އެރި ފުރަތަމަ ފަހަރެވެ.

ކިއުބާގެ މީޑިއާތަކުން ބުނާ ގޮތުގައި އެ ގައުމުގެ އައްސޭރިފަށާ ކައިރީގައި ދިރިއުޅޭ ގިނަ އަދަދެއްގެ މީހުން ވަނީ ސަލާމަތީ ސަރަހައްދުތަކަށް ބަދަލުވެފަ އެވެ. އަދި ތޫފާނާ ދިމާކޮށް އެ ގައުމުން ފުރައިގެން ދިޔަ ފަތުރުވެރިންގެ އަދަދު 50،000 އަށް އަރާ ކަަމަށް ވެސް ނޫސްތަކުގައިވެ އެވެ.

މޫސުމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި ތޫފާން އިރްމާ ދެން އަރާނީ އެމެރިކާގެ ފްލޮރިޑާއަށެވެ. އެހެންކަމުން އެ ސްޓޭޓުގެ 5.6 މިލިއަން މީހުންނަށް ވަނީ ސަލާމަތީ ސަރަހައްދުތަކަށް ދިއުމަށް އަންގާފަ އެވެ.

ތޫފާން އިރްމާގެ ސަބަބުން ކެރީބިއަން ރަށްތަކަށް ލިބުނު ގެއްލުންތައް އަންދާޒާ ކުރަމުންދާ އިރު، ތޫފާނުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 20ށް އަރާފަ އެވެ. (ބީބީސީ)