26 Jul 2011, 16:09
ރޯދަ މަހަށް ހާއްސަ ކޮށްގެން އެސްޓޯއޯ އިން އެތެރެކުރި އާންމު ކާބޯތަކެތީގެ ބޮޑު ބައެއް އަތޮޅުތަކަށް ސަޕްލައިކުރުމުގެ މަސައްކަތް އެސްޓީއޯ އިން ފަށައިފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އިއްޔެ ވިދާޅުވީ ރޯދަ އަށް ހާއްސަ ކޮށްގެން މިދިޔަ ހަފްތާގައި ގެނައި ބިސް، ފިޔާ އަދި އަލުވީގެ ތެރެއިން ތިންބައިކުޅަ އެއްބައި ފޮނުވާނީ އަތޮޅުތަކަށް ކަމަށެވެ. އެގޮތުން އުތުރުގެ ރަށްތަކަށް ފޮނުވި ޝިޕްމަންޓް އެ ސަރަހައްދަށް ގޮސްފައިވާ ކަމަށާއި ދެކުނު ރަށްތަކަށް ފޮނުވި ޝިޕްމަންޓް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެ ހިސާބުތަކަށް ފޯރުކޮށްދެވޭ ވަރުވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"މި ޝިޕްމަންޓުން ތިން ބައިކޮށްފައި އެއްބައި މިދިޔައީ އުތުރަށާއި ދެކުނަށް. ކުޅުދުއްފުށި އޭދަފުށި އަދި ހޯރަފުށި ތަންތަނަށް މިއަދު ހަވީރަށް އެ ޝިޕްމަންޓް ހުންނާނީ ލިބިފައި. ދެކުނަށް ދިޔައެތި ]އުޅަނދު[ލ. އަތޮޅު ގއ. އަތޮޅު ގދ. އަތޮޅު އަދި ޏ. އަތޮޅަށް މި ދެ ދުވަސްތެރޭގައި ޑިސްޓްރިބިއުޓް ކޮށް ނިންމާލެވޭނެ. އެހެންވީމާ އަތޮޅުތަކުގައި ވަރަށް ރަނގަޅު ކުއަންޓިޓީއެއް ]އަދަދެއް[ ލިބޭނެ،" ޝާހިދު އިއްޔެ ވިދާޅުވި އެވެ.
އަތޮޅުތެރެ އަށް ފޮނުވި ކާބޯތަކެތި ވެސް ވިއްކާނީ ޑިމާންޑަށްބަލައި ކޮންޓްރޯލް ކޮށްގެން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ވިއްކާނީ ވެސް މާލޭގައި ވިއްކާ އަގަށް ކަމަށެވެ.
"އަތޮޅުތެރޭގައި ހުރި އަޅުގަނޑުމެންގެ ސެންޓަރުތަކުން ވިއްކާނީ ޑިމާންޑަށް ބަލާފައި ކޮންޓްރޯލްކޮށްގެން،" ޝާހިދު ވިދާޅުވި އެވެ.
އާންމު ކާބޯތަކެތީގެ ދެ ވަނަ ޝިޕްމަންޓް މިރޭ ރާއްޖެ ވަންނާނެ އެވެ. ޝާހިދު ވިދާޅުވީ" ފިޔާ، އަލުވި އަދި ބިހުގެ އެ ޝިޕްމަންޓްގައި ކޮންމެ ބާވަތަކުން 2000" ބަސްތާ ނޫނީ ކޭސް ހިމެނޭނެ ކަމަށެވެ. އަންނަ މަހުގެ ފަސް ވަނަ ދުވަހު ވެސް ރޯދަ އަށް ހާއްސަ ކާބޯތަކެތި ރާއްޖެ ވަންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.