09 Sep 2017, 12:50
ދަވްޙާ (ސެޕްޓެމްބަރު 9) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބެއްލެވުމުގެ ދަށުން ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އާލް ޘާނީ އިއްޔެ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާ ފޯނުން ގުޅުއްވައި ގަތަރުގެ މައްސަލައާބެހޭގޮތުން ދެއްކެވި ވާހަކަތަކުގެ ހަގީގަތް ގަތަރުން އޮޅުވާލި ކަމަށްބުނެ ގަތަރާއެކު ވާހަކަ ދެއްކުން ހުއްޓާލިކަން ސައޫދީ ސަރުކާރުން އިއްލާންކޮށްފިއެވެ.
ސައޫދީ ޚާރިޖީ ވުޒާރާގެ މަސްއޫލުވެރިއަކު ވިދާޅުވީ ގަތަރުގެ އަމީރާއި ސައޫދީ ވަލީއުލްއަހްދުގެ މަޝްވަރާތައް ކުރިޔަށްދިޔަ ގޮތް ގަތަރުގެ ރަސްމީ ނޫސްއެޖެންސީން އޮޅުވާލައި ދޮގު ޚަބަރުތަކެއް ފަތުރާފައިވާ ކަމުގައެވެ. އަދި އެކަން އަލުން ރަނގަޅުކޮށް ގަތަރުން ތެދު ޚަބަރު ފަތުރަންދެން ގަތަރާއެކު ވާހަކަ ދެއްކުން ހުއްޓާލުމަށް ސައޫދީ ސަރުކާރުން ނިންމާފައިވާ ކަމަށްވެސް ނަންހާމަކުރަން ނޭދޭ ސައޫދީ ޚާރިޖީ ވުޒާރާގެ މަސްއޫލުވެރިޔާ އާ ހަވާލާދީ ސައޫދީ ރަސްމީ ނޫސްއެޖެންސީ ބުނެއެވެ.
ގަތަރުގެ އަމީރާއި ސައޫދީ ވަލީއުލްއަހްދުގެ މަޝްވަރާތައް ކުރިޔަށްދިޔަ ގޮތާބެހޭގޮތުން ގަތަރުން ދޮގު ޚަބަރު ފެތުރީ ކޮންގޮތަކަށްކަން އަދި ގަތަރު ނޫސްއެޖެންސީން ފެތުރި ޚަބަރުގައި ދޮގުގެ ގޮތުގައި ހިމަނާފައިވަނީ ކޮން ކަމެއްކަން ސައޫދީ ޚާރިޖީ ވުޒާރާގެ މަސްއޫލުވެރިޔާ ހާމަކުރައްވާފައެއް ނުވެއެވެ. ސައޫދީ މަސްއޫލުވެރިޔާގެ ބަޔާނުގައި ގަތަރަކީ އަބަދުވެސް ހަގީގަތް އޮޅުވާލައި ކަންކަމުގައި ދޮގު ހަދަމުން ގެންދާ ގައުމެއްކަމަށާއި ގަތަރާއި އަރަބި ބައެއް ގައުމުތަކާ ދެމެދު އުފެދިފައިވާ މައްސަލަ ހައްލުކުރުމުގައި ގަތަރުގެ އެއްވެސް އިޚްލާސްތެރި ކަމެއް ނެތް ކަމަށާއި ގަތަރުގެ ބޭނުމަކީ މައްސަލަ ހައްލުކުރެވޭނެ ހުރިހާ ގޮތްތަކެއް ނާކާމިޔާބުކޮށްލުން ކަމަށްވެސް ސައޫދީ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.
މީގެއިތުރުން ގަތަރުގެ މަސްއޫލުވެރިން ދައްކަވާ ވާހަކަތަކާއި ނިންމަވާ ނިންމެވުންތަކާއި އެއްބަސްވާ އެއްބަސްވުންތަކާ ބެހޭގޮތުން އެގައުމުގެ މީޑިޔާއިން އަބަދުވެސް ފަތުރަނީ ތަފާތު ވާހަކަ ތަކެއް ކަމަށް ސައޫދީ މަސްއޫލުވެރިޔާ އާ ހަވާލާދީ ސައޫދީ ރަސްމީ ނޫސްއެޖެންސީ ބުނެއެވެ. މިހަތަރު ގައުމުންވަނީ ގަތަރު ޓެރަރިޒަމަށް ވާގިވެރިވާ ކަމަށްބުނެ މދިޔަ ޖޫންމަހު ކުއްލި ގޮތަކަށް ގަތަރާ ގުޅުންތައް ކަނޑާލައި އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއްވެސް އަޅާފައެވެ. މިމައްސަލަ ހައްލުކޮށް ދެފަރާތް ސުލްޙަ ކުރުމަށް ކުރި ހުރިހާ މަސައްކަތްތަކެއް މިހާތަނަށްވަނީ ނާކާމިޔާބުވެފައެވެ.
މި ހަތަރު ގައުމާ ގަތަރާ ދެމެދު އުފެދިފައިވާ މައްސަލަ ހައްލު ކުރުމާބެހޭގޮތުން ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އާލް ޘާނީ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ހުކުރު ދުވަހުވަނީ އާ ފޯނުން ގުޅުއްވައި މަޝްވަރާތަކެއް ކުރައްވާފައެވެ. މިމަޝްވަރާތައް ކުރިޔަށްދިޔައީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ބެއްލެވުމުގެ ދަށުން ކަމަށް ވައިޓް ހައުސް އިންވެސް ބުނެފައިވެއެވެ.
ޝައިޚް ތަމީމް އާއި ބިން ސަލްމާން ގެ ފޯންކޯލާބެހޭގޮތުން ގަތަރުގެ ރަސްމީ ނޫސްއެޖެންސީން ބުނެފައިވަނީ މައްސަލަ ހައްލުކުރުމަށްޓަކައި އެހަތަރު ގައުމާއި ގަތަރު ސުލްހައިގެ މޭޒު ދޮށަށް ދިޔުމަށް ދެބޭފުޅުންގެ މަޝްވަރާތަކުގައި އެއްބަސްވެ ވަޑައިގެންނެވި ކަމުގައެވެ.
ވައިޓް ހައުސް ބުނާގޮތުން ގަތަރުގެ އަމީރާއި ސައޫދީ ވަލީއުލްއަހްދު ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވުމުގެ ކުރިން ޓްރަމްޕް ވަނީ ގަތަރުގެ އަމީރާއި ސައޫދީ ރަސްގެފާނާ އަދި ޔޫއޭއީގެ ވަލިއުލްއަހްދު މުހައްމަދު ބިން ޒާޔިދާއި ފޯނުން ގުޅުއްވައި ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގާ އެތިން ގައުމުން އެމެރިކާއަށް އެއްބާރުލުން ދެއްވުމަށް އެބޭފުޅުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި މިއަހަރުގެ ކުރީކޮޅު އެމެރިކާއާއި އިސްލާމީ ގައުމުތަކުގެ ވެރިންނާއެކު ސައޫދީ ގައި ބޭއްވި އަރަބި އިސްލާމީ ސަމިޓްގެ ނިންމުންތައް ތަންފީޒު ކުރުމުގައި ގަލްފުގެ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަންވެސް މިތިން ގައުމުގެ އިސްވެރިންނާ ފޯނުން ކުރެއްވި މަޝްވަރާތަކުގައި ޓްރަމްޕް ފާހަގަ ކުރެއްވި ކަމަށް ވައިޓް ހައުސް އިން ބުނެފައިވެއެވެ. (އަލްޖަޒީރާ)