މެކްސިކޯ ސިޓީ (ސެޕްޓެމްބަރު 9): މެކްސިކޯގެ އައްސޭރިފަށަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 61 އަށް އަރައިފި ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފި އެވެ.

މެކްސިކޯގެ ރައީސް އެންރީކޭ ޕެންޔާ ނިއޭޓޯ ވިދާޅުވި ގޮތުގައި އިއްޔެ 8.1 މެގްނިޓިއުޑުގެ ބާރުމިނުގައި އައި އެ ބިންހެލުމުގެ ސަބަބުން އެ ގައުމުގެ ވަހާކާ ސްޓޭޓުން 45 މީހަކު މަރުވެފައިވާ އިރު، ޗިއާޕަސް އިން 12 މީހަކު މަރުވެ، ޓަބަސްކޯ އިން ހަތަރު މީހަކު މަރުވި އެވެ. އަދި އިތުރު 200 މީހަކަށް އަނިޔާވި ކަމަށްވެސް ރައީސް ނިއޭޓޯ ވިދާޅުވި އެވެ.

އެ ބިންހެލުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން މަރުވީ މީހުން ދިރިއުޅޭ އިމާރާތްތައް ވެއްޓުމުގެ ސަބަބުންނެވެ. އަދި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމަށް މީހުން ސަލާމަތްކުރާ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

މެކްސިކޯގެ ހުޅަނގު ދެކުނުން 120 ކިލޯމީޓަރު ދުރަށް އައި އެ ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރު ވެސް ދިނެވެ. ނަމަވެސް ސުނާމީއާ ގުޅިގެން އުފެދުނު ބާނިތަކުގައި ބާރެއް ނެތެވެ.

އެ ބިންހެލުމުގެ އަސަރު ކުރި ގުއަޓެމާލާއިން ވެސް އެކަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ރައީސް ޖިމީ މޮރާލޭސް ވިދާޅުވި އެވެ.

މެކްސިކޯގެ ސިވިލް ޕްރޮޓެކްޝަން އޭޖެންސީން ބުނި ގޮތުގައި އެ ބިންހެލުމަކީ 1985ގެ ފަހުން ވެރިރަށަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. މީގެ 32 އަހަރު ކުރިން އައި އެ ބިންހެލުމުގައި ގާތްގަނޑަކަށް 5،000 މީހުން މަރުވެ، ގިނަ އަދަދެއްގެ ގެތައް ބިމާ ހަމަވި އެވެ. (ބީބީސީ)