09 Sep 2017, 10:15
އިންޑިއާގެ ބެޑްމިންޓަން ޗެމްޕިއަން ސައިނާ ނެހްވާލްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމަށް ބަތަލާ ޝްރައްދާ ކަޕޫރު ތަމްރީނު ކުރުމުގެ މަސައްކަތް ސައިނާ ފަށައިފި އެވެ.
ސައިނާ ވަނީ ތަމްރީނުތަކުގެ ތެރެއިން ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފަ އެވެ. ފިލްމަށް ޝްރައްދާ ހަމަޖެހުމާ އެކު ސައިނާ ވަނީ ޝްރައްދާ އަކީ ވަރަށް ކުޅަދާނަ އަދި މަސައްކަތް ކުރާ ފަންނާނެއް ކަމަށް ބުނެ އޭނާ އަށް ތައުރީފު ކޮށްފަ އެވެ.
އަދި ޝްރައްދާއަށް ބެޑްމިންޓަންގެ ބައެއް ކަންކަން ދަސްކޮށްދިނުމަށް ކެތްމަދުވެފައި ހުރި ކަމަށް ވެސް ސައިނާ އޭރު ވަނީ ބުނެފަ އެވެ.
ސައިނާގެ އިތުރުން އިންޑިއާގެ ގައުމީ ބެޑްމިންޓަން ޓީމުގެ ކޯޗް ޕުލޭލާ ގޯޕީޗާންދް ވެސް އަންނަނީ ޝްރައްދާ ތަމްރީނު ކުރުމުގައި ބައިވެރިވަމުންނެވެ.
އަމޯލް ގުޕްތާ ޑައިރެކްޓު ކޮށް، ބުޝަން ކުމާރު ޕްރޮޑިއުސް ކުރާ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ.
މިއީ ޝްރައްދާ މަސައްކަތް ކުރާ ދެވަނަ ބަޔޮޕިކް އެވެ. ޝްރައްދާގެ ފުރަތަމަ ބަޔޮޕިކް 'ހަސީނާ ޕާކަރު' ގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައި ވީނަމަވެސް، ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.