މަސްދޯނި ފަހަރުގައި އައިސް އުފައްދާ ނިޒާމް ހަރުކުރުމަށް ސަރުކާރުން ހިންގާ ޕްރޮޖެކްޓުގެ ދަށުން އެކަމަށް ބޭނުންވާ ފަރާތްތަކަށް މިއަހަރުގެ ތެރޭގައި ލޯނުގެ ފުރުސަތަށް ހުޅުވާލާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މަސްދޯނި ފަހަރަށް ބޭނުންވާ އައިސް ލިބުމުގެ ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން ސަރުކާރުން ވަނީ މަސްދޯނި ފަހަރުގައި މަސްފިނިކުރާ ނިޒާމް ބަހައްޓަން އައިސްލޭންޑުގެ ކުންފުންޏަކާއެކު މަޝްވަރާތަކެއް ކޮށްފައެވެ.

މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން، ދޯނި ފަހަރުގައި ހަރުކުރާ މަސްފިނިކުރި ނިޒާމްތަކަކީ އޮޕަރޭޓް ކުރުމަށް ފަސޭހަ އަދި ބޭނުން ވަރަކަށް އައިސް އުފެއްދޭނެ ނިޒާމެކެވެ.

އެހެންކަމުން ހަފްތާއެއް ވަންދެން ނުވަތަ އެންކޮޅު ހުސްވަންދެން ވެސް މަސްވެރިންނަށް މަސްވެރިކަމުގައި ކަނޑުމަތީ ތިބެވޭއިރު، އައިސް ނުލިބިގެން އުޅެންޖެހޭ އުޅުމަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓީވީއެމް އިން ރޭ ގެނެސްދިން ޒިންމާ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ، އެ މަޝްރޫއަށް ބޭނުންވާ ފައިސާ ވެސް އެބަހުރި ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި 10 ފަރާތަށް ލޯން ފުރުސަތު ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ. އެކަމާ ގުޅޭ ތަފްސީލެއް ހޯދާލުމަށް މިނިސްޓަރަށް ގުޅުމުން އަދި މިހާތަނަށް ވަނީ ޖަވާބެއް ލިބޭ ގޮތް ނުވެފައެވެ.