26 Jul 2011, 15:58
ވޭލާ ފިހާރައިން މޯބައިލް ފޯނެއް ވަގަށް ނަގައިގެން ފިލަން އުޅުނު ޒުވާނަކު، އެތަނުގެ މުވައްޒަފުން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފި އެވެ.
މަޖީދީ މަގުގައި ހުންނަ ވޭލާ މޯބައިލް ފިހާރަ އާއި "ބިލްޕޭ" ޝޮޕްގައި މަސައްކަތް ކުރާ މުވައްޒަފެއްކަމައްވާ ޝަރަފުއްދީން މިއަދު ބުނީ 21 އަހަރުގެ ޒުވާނަކު އެ ފިހާރައިން އެޗްޓީސީ ފޯނެއް ވަގަށް ނަގައިގެން ފިލަން އުޅެނިކޮށް މިދިޔަ އާދީއްތަ ދުވަހު ހަވީރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
އަދި އޭނާ އެފޯން ވަގަށް ނެގީ ފިހާރައިގެ ކަންއުންޓަރު މަތީގައި ފޮއްޓަކަށްލާފައި ބަހައްޓާފައި ހުއްޓާ ކަމަށް އޭނާ ބުންޏެވެ. އަދި ބުނީ އޭނާ ފޯނު ވަގަށް ނަގައިގެން ފިލަން އުޅެނިކޮށް އެތަނުގެ މުވައްޒަފުން އޭނާ ހިފެހެއްޓީ މޯބައިލް ފިހާރަ އާއި ޖެހިގެން ހުންނަ "ވޭލާ ބިލްޕޭ އެންޑް ކެފޭ" ދޮރުން ނުކުމެގެން ދާން އުޅެނިކޮށް ކަމަށެވެ. )ވޭލާ ބިލްޕޭ އެންޑް ކެފޭ އާއި ވޭލާ މޯބައި ފިހާރަ ހުންނަނީ އެއްފިހާއިން އަނެއް ފިހާރައަށް ދެވޭ ގޮތަށެވެ.(
"އޭނާ ބުނެގެން އެހެން ފޯނެއް ނަގަން އުޅެނިކޮށް، ކައުންޓަރު މަތީގައި ފޮއްޓަކަށްލަފައި އިން ފޯނު ވަގަށް ނަގައިގެން ދުއްވައިގަތްތަނުން ހިފެހެއްޓީ. މިތަނުގެ މުވައްޒަފުން ހިފެހެއްޓީ. ގަދަވެސް ދެއްކި. ދެން ފަސްވަރަކަށް މިނިޓްތެރޭ ފުލުހުން އައިސް އޭނާ ހައްޔަރު ކުރީ،" ވޭލާގައި މަސައްކަތް ކުރާ އެ މުވައްޒަފަކު ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ޒުވާނާ ހައްޔަރުކޮށް ތަހުގީގުތައް ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް އެ ޒުވާނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މިނިވަން ދުވަހާ ގުޅިގެން ދެވަނަ ފުރުސަތެއް ދިނުމުގެ ގޮތުން ރައީސް ވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ 400 ގައިދީން މިއަދު ގައިދުން ވީއްލައިދީފަ އެވެ.