09 Sep 2017, 10:25
ފާތިމަތު ނަހުލާ (ނަހޫ)ގެ ފިލްމެއް ނެރެން އުޅޭ ވާހަކަ ދައްކާނަމަ، ދިވެހި ފިލްމަށް ލޯބިކުރާ އޯޑިއަންސް ކެތްތެރިކަމެއް ނެތި އެ ފިލްމަކަށް އިންތިޒާރު ކުރާނެއެވެ. ނަހުލާގެ ފޭނުން ކެތްތެރިކަމެއް ނެތި މިހާރު އިންތިޒާރު ކުރާނީ އޭނާގެ ކުރިއަށް އޮތް ފިލްމު ''ބޮސް''ގެ އާ ޚަބަރަކަށް ކަން ޔަގީނެވެ.
މަޝްހޫރު ފިލްމު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ނަހޫގެ ކުރިއަށް އޮތް ފިލްމު "ބޮސް"ގެ ފުރަތަމަ ފެނިލުން މިހާރު މިވަނީ ދައްކާލާފައެވެ. "ބޮސް"ގެ ޓްރެއިލަރ އަދި ލަވަތަކުގެ އޯޑިއޯ ރިލީޒްކުރުމަށް ސޯލްޓް ކެފޭގައި ބޭއްވި ހަފްލާގައި، ފިލްމުގެ ކާސްޓުންނާއި، ޕްރޮޑަކްޝަން ޓީމުގެ އިތުރުން ފިލްމުގެ ލަވަތައް ކިޔާފައިވާ ލަވަކިޔުންތެރީން ވެސް ބައިވެރިވިއެވެ.
8 ސެޕްޓެމްބަރ 2017: "ބޮސް"ގެ ޓްރެއިލަރ އަދި ލަވަތަކުގެ އޯޑިއޯ ރިލީޒްކުރުމަށް ސޯލްޓް ކެފޭގައި ބޭއްވި ހަފްލާގެ ތެރެއިން: މި ހަފްލާގައި ފިލްމުގެ ކާސްޓުންނާއި، ޕްރޮޑަކްޝަން ޓީމުގެ އިތުރުން ފިލްމުގެ ލަވަތައް ކިޔާފައިވާ ބައެއް ލަވަކިޔުންތެރީން ވެސް ބައިވެރިވެފައިވޭ-----ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މަޝްހޫރު ފިލްމީ ބަޠަލާ އަދި ޑައިރެކްޓަރު ރިޝްމީ ރަމީޒް ޑައިރެކްޓްކުރާ މި ފިލްމުގެ ޓްރެއިލަރ ބަލާލުމުން ވެސް ދިވެހި ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ނަހޫ ދޭ މި "ބޮސް" އިން، "ކަލާޔާ ނުލާ" އާއި "ޒުލޭހާ" ފަދަ ފިލްމުތަކުން ގެނެސްދީފައިވާ ހުރިހާ އިހުސާސްތަކެއް ގެނެސްދޭނޭކަން ޔަގީނެވެ.
"ބޮސް"ގެ ޓްރެއިލާ ރިލީޒްކޮށްދެމުން ނަހޫ ބުނީ، މި ފިލްމަކީ ހަމަ، "ޒުލޭހާ"، "ޔޫސުފް" އަދި "ކަލާޔާ ނުލާ" ފަދަ ލޯތްބާއި ޖަޒުބާތުން ފުރިގެންވީ ފިލްމުތަކުން ބެލުންތެރީންގެ ހިތްތަކާ ކުޅެލި ފަދައިން، އެ ހިތްތަކާ ކުޅެލާނޭ ފިލްމެއް ކަމަށެވެ.
ޖުމްލަ ހަތް ލަވަ ހިމެނޭ "ބޮސް"ގެ ހަތަރު ލަވައެއްގެ އޯޑިއޯ ވަނީ އެ ހަފްލާގައި އިއްވާލާފައެވެ. އެގޮތުން، ރާފިޔަތު ރަމީޒާއާއި ހަމޫދު ކިޔައިދީފައިވާ "މި ހިތް އެދޭގޮތް މިވަނީ" އާއި، މުހައްމަދު އަބްދުލް ޣަނީ (ތޭރަ)އާއި މާއިން ކިޔައިދީފައިވާ "ބޮސްދޭހާ ލޯބިވޭ" އާއި، ޝަލަބީ އިބްރާހިމާއި ފާތިމަތު އަޝްފާ ކިޔައިދީފައިވާ "ހިތްދަތިކޮށްލައިފި" ވަނީ އެ ލަވަކިޔުންތެރީން އެ ހަފްލާގައި ހުށަހަޅައިދީފައެވެ.
8 ސެޕްޓެމްބަރ 2017: "ބޮސް"ގެ ޓްރެއިލަރ އަދި ލަވަތަކުގެ އޯޑިއޯ ރިލީޒްކުރުމަށް ސޯލްޓް ކެފޭގައި ބޭއްވި ހަފްލާގެ ތެރެއިން: މި ހަފްލާގައި ފިލްމުގެ ކާސްޓުންނާއި، ޕްރޮޑަކްޝަން ޓީމުގެ އިތުރުން ފިލްމުގެ ލަވަތައް ކިޔާފައިވާ ބައެއް ލަވަކިޔުންތެރީން ވެސް ބައިވެރިވެފައިވޭ-----ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ނަހޫ ބުނީ، ފިލްމުގެ ލަވަތައް، ސައުންޑު ކްލައުޑުންނާއި، މައިޓޯންސް އިން ލިބެން ހުންނާނޭ ކަމަށެވެ.
މީގެ އިތުރުން ފިލްމުގެ ލަވަތަކާއި އޭގެ މިއުޒިކާއި، ލަވަތައް ކިޔާފައިވާލެއް ފުރިހަމަކަން، ލަވަތައް އަޑު އަހާލުމުން ހަމަ ކޮންމެ މީހަކަށްވެސް ތައުރީފާއެކު ބަލައިގަނެވޭނޭ ކަމަށް ނަހޫ ބުންޏެވެ.
"އަޅުގަނޑުގެ ފިލްމުގެ ލަވަތައް އަދިވެސް ހަމަ ފޭވަރިޓް ލަވަތަކުގެ ގޮތުގައި އެބަ ހިމެނޭ. ފިލްމާ ގުޅިގެން އަންނަ ލަވަތަކަށް ވާތީ ކަލާޔާ ނުލާ ޒުލޭހާ އަދި ޔޫސުފްގެ ލަވަތަކަކީ ވަރަށް ހިޓް ލަވަތަކެއް،" ފިލްމުގެ ލަވަތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން ނަހޫ ބުންޏެވެ.
"އަޅުގަނޑު ކުރިން ހީކުރީ އެ ލަވަތައް އާންމުންނަށް ރީތިވީ ހިންދީ، އަޑު އިވިފައިހުރި ރާގުތަކެއްގެ ލަވަތަކެއް ކަމަށް ވީތީހެން. އެކަމަކު އަޅުގަނޑު ދަންނަވާނީ މި ލަވަތައް އަޑުހައާފައި މާ ގިނަދުވަހު އާންމުންނަށް މިލަވަތައް ކަމުދާނެއޭ."
8 ސެޕްޓެމްބަރ 2017: "ބޮސް"ގެ ޓްރެއިލަރ އަދި ލަވަތަކުގެ އޯޑިއޯ ރިލީޒްކުރުމަށް ސޯލްޓް ކެފޭގައި ބޭއްވި ހަފްލާގެ ތެރެއިން: މި ހަފްލާގައި ފިލްމުގެ ކާސްޓުންނާއި، ޕްރޮޑަކްޝަން ޓީމުގެ އިތުރުން ފިލްމުގެ ލަވަތައް ކިޔާފައިވާ ބައެއް ލަވަކިޔުންތެރީން ވެސް ބައިވެރިވެފައިވޭ-----ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ލޯތްބާއި ގުރުބާނީގެ އިންތިހާ ދައްކުވައިދޭނޭކަމުގެ ޔަގީންކަމާއެކު ނަހޫގެ ކްރިސްޓަލް އެންޓަޓެއިންމަންޓުން ގެނެސްދޭ މި ފިލްމުގެ ޓްރެއިލާއިން ފެންނަ ގޮތުގައި، ފިލްމުގައި ފެނިގެން ދާނީ، މި ދާއިރާއަށް އަލަށް ތައާރަފްވާ އުންމީދީ ބަޠަލް، މުހައްމަދު ޔުނާން (ފިލްމުގައި ރާއީ)އާއި ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ބަޠަލާ މަރިޔަމް އައްޒަ (ފިލްމުގައި އިބާ)އާ ދިމާވާން މެދުވެރިވާ ގޮތުގެ މަންޒަރުތަކެކެވެ. އަދި އޭގެ ފަހުން ދިމާވާ ހާދިސާތަކަށް ފަހު ދެމީހުން އެކަކު އަނެކަކާ ވަކިވާން ޖެހިދާނެތީ ދެމީހުންގެ ދެމެދުގައި އެ ބަދަލުކުރެވޭ އަސަރުގަދަ ވާހަކަތަކަކީ، ހަމަ ގައިމުވެސް ނަހޫގެ ފިލްމެއްގައި ފެންނާނޭކަން ޔަގީންކުރެވޭފަދަ ކަންކަމެވެ.
ފިލްމުގައި އައްޒަގެ ބައްޕައެއްގެ ރޯލް އަދާކުރަނީ، އައްޒަގެ އަސްލު ބައްޕަ ޝިޔާމްއެވެ.
މީގެ އިތުރުން ފިލްމުގައި "ވިލަން" ނުވަތަ ނުބައިބައިން ފެނިގެންދާނީ، އިބްރާހިމް ޖިހާދު (ޖިމީ)އެވެ. ފިލްމުގައި ޖިމީ ފެންނަނީ މުއްސަނދި، އެހެނަސް އަނިޔާވެރި ލޯބިވެރިއެއްގެ ގޮތުގައެވެ.
ލޯތްބާއި ގުރުބާނީގެ ނަމޫނާ ފެނިގެންދާނޭ، "ނަހޫ ސްޓައިލް"ގެ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ތައްޔާރުކުރާ ''ބޮސް" އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް 4K ކޮލިޓީގައި ތައްޔާރުކުރާ ފިލްމެވެ.
ސެޕްޓެމްބަރު ފަހުކޮޅުގައި ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ ބޮސްގެ ހުރިހާ މަސައްކަތެއް ނިންމައި، ބެލުންތެރީންނާ ހަމައަށް އަންނާނޭ ކަމަށް ލަފާކޮށްފައިވާ ތާރީޚަކީ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހެވެ.