09 Sep 2017, 09:59
އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުގައި ލިވަޕޫލްގެ މިޑްފީލްޑަރު ފިލިޕް ކުޓީނިއޯ ނުހިމަނަން ނިންމައިފިއެވެ.
އުމުރުން 25 އަހަރުގެ ކުޓީނިއޯ ވަނީ މައިބަދައަށް ލިބުނު އަނިޔާއަކާ ގުޅިގެން ސީޒަނުގެ ފުރަތަމަ ތިން މެޗުގައި ކުޅެވޭ ގޮތް ވެފައެއް ނުވެއެވެ. ނަމަވެސް އޭނާ ވަނީ އެންމެ ފަހުން ބްރެޒިލް ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގެ ދެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެން ގޮސްފައެވެ.
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނި ގޮތުގައި، ކުޓީނިއޯ ލިވަޕޫލްގެ ސްކޮޑުން ބާކީ ކުރަން ނިންމީ އޭނާއަށް އަދި އިތުރު ޓްރޭނިން ބޭނުން ވާތީއެވެ.
"އޭނާއަށް ސިޓީއާ ދެކޮޅަށް 15 ނޫނީ 20 މިނެޓު ކުޅެވޭނެ. އެކަމަކު އޭނާ ސްކޮޑުގައި ނުހިމެނުން އެއީ ރަނގަޅު ނިންމުމެއް ކަމަށް ދެކެނީ. އޭނާ ވެސް އެކަމަށް އެއްބަސްވި،" ކްލޮޕް ބުންޏެވެ.
ލިވަޕޫލުން ވަނީ ކުޓީނިއޯ ހޯދުމަށް ބާސެލޯނާ އިން ހުށަހެޅި ތިން ބިޑަށް ވެސް ނޫނެކޭ ބުނެފައެވެ. އަދި އެ ކްލަބުން ދިޔައީ ކުޓީނިއޯ ވިއްކަން ބޭނުން ނުވާ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. ކްލޮޕް ބުނީ ކުޓީނިއޯ ބާސާއަށް ބަދަލުވުން ފެއިލްވެގެން ދިއުމަކީ ދަނޑު މަތިން ފެންނިގެންދާނެ ކުޅުމަށް ބުރޫ އަރާނެ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ކުޓީނިއޯ ވަނީ ވޯލްޑްކަޕް ކޮލިފައިންގައި ބްރެޒިލްއާއި އިކުއެޑޯ ކުޅުނު މެޗުގައި ބްރެޒިލްގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.