08 Sep 2017, 21:11
ސަލްޓަން ޕާކު ހުރިތަނުގައި ތަރައްގީކޮށް ހުޅުވި، ރަސްރަނި ބަގީޗާއަށް ދިވެހިންނާ އިނދެގެން އުޅޭ ބިދޭސީންނަށް ވެސް ހިލޭ ވަދެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ރަސްރަނި ބަގީޗާއަށް ވަންނަ ބިދޭސީންގެ އަތުން ނަގާ ފީގެ ގޮތުގައި ކަނޑައަޅާފައިވަނީ ސަރުކާރު ބަންދު ދުވަސްތަކާއި ހަފްތާ ބަންދުގައި ހެނދުނު ހަޔަކުން ހަވީރު ހަތަރަކަށް 75 ރުފިޔާ އަދި އޭގެ ފަހުގައި ނަމަ 100 ރުފިޔާ އެވެ.
އަދި ހަފްތާ ބަންދުނޫން ދުވަހެއްގައި ނަމަ 75 ރުފިޔާގެ ފީ އެއް ނަގާއިރު އަށާރަ އަހަރުން ދަށުގެ ބިދޭސީ ކުޑަކުދިންނަށާއި ދިވެހިންނަށް ހިލޭ ވަދަވޭނެއެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނިގޮތުގައި، ދިވެހިންނާ އިނދެގެން އުޅޭ އަދި ސައްހަ ކައިވެނި ވިސާ އެއް އޮތް ބިދޭސީންނަށް ރަސްރަނި ބަގީޗާއަށް ހިލޭ ވަދެވޭނެ އެވެ. ނަމަވެސް އެއީ އެމީހުން އިނދެގެން އުޅޭ ދިވެހި މީހާ ނުވަތަ އެމީހުންނަށް ލިބިފައިވާ ދަރިންނާއެކު އެކުގައި ކަމަށް ބުނެފައިވެއެވެ.
ރަސްރަނި ބަގީޗާ ބަންދުކޮށްފައި ހުންނާނީ ހުކުރު ދުވަހުގެ މެންދުރު 11 އިން ދެއަކަށް އަދި ކޮންމެ ދުވަހެއްގެ އިރުއިއްސި ހަޔަކުން ރޭގަނޑު އަށަކަށެވެ.
އަދި އެތަނުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި އެނާޖީ ޑްރިންކް ފަދަތަކެތި ބޭނުން ކުރުން މަނާ ކޮށްފައިވާއިރު، ސެކިއުރިޓީ ބެލެހެއްޓުމުގައި 24 ގަޑިއިރު ފުލުހުން ހަރަކާތްތެރިވެއެވެ.