08 Sep 2017, 20:47
މިޔަންމާގެ ޑިމޮކްރަސީ ލީޑަރު އާންގް ސަން ސޫކީއަށް ލިބިފައިވާ "ނޮބެލް ސުލްހައިގެ އިނާމު" އަތެއް ނުލެވޭނެ ކަމަށް އެކަން ބަލަހައްޓާ ނޮބެލް އިންސްޓިޓިއުޓުން ބުނެފިއެވެ.
އެސޯސިއޭޓް ޕްރެސް އަށް ފޮނުވި އީމެއިލް އެއްގައި ނޯވޭގައި ހުންނަ ނޮބެލް އިންސްޓިޓިއުޓްގެ އިސްވެރިޔާ އޫލަވް ވިދާޅުވީ، ނޮބެލް އިނާމުގެ ފައުންޑަރު އަލްފުރެޑް ނޮބެލްގެ ވަސިއްޔަތާއި ނޮބެލް ފައުންޑޭޝަންގެ ގަވާއިދު ބުނާ ގޮތުން ސުލްހައިގެ އިނާމު ދީފައިވާ މީހުންގެ އަތުން އެ އިނާމު އަތުލެވޭނެ ގޮތެއް ނެތް ކަމަށެވެ.
"ނޮބެލް ޕީސް ޕްރައިޒް ދިނުމަށްފަހު އެ އެވޯޑް ލިބުނު މީހެއްގެ އަތުން އެ އެވޯޑް އަތުލުމަކީ ކުރެވޭނެ ކަމެއް ނޫން. ސްވިޑަންގެ ވެރިރަށް ސްޓޮކްހޮމް އަދި ނޯވޭގެ ވެރިރަށް އޮޒްލޯގައި ހުންނަ އެވޯޑް ކޮމެޓީން ވެސް މީގެ ކުރިން ދީފައިވާ ސުލްހައިގެ އިނާމެއް އަތުލުމަށް ނިންމާފައެއް ނުވޭ،" އޭނާ ލިޔެފައިވެއެވެ.
ނޮބެލް އިންސްޓިޓިއުޓުން އެހެން ބުނެފައިވާއިރު، މިޔަންމާގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދޭތެރޭ އެގައުމުގައި ހިންގަމުންދާ ރަހުމުކުޑަ އަނިޔާވެރި، ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް އަޑު އުފުލާފައި ނުވާތީ، ސޫކީއަށް ލިބިފައިވާ "ނޮބެލް ސުލްހައިގެ އިނާމު" އަތުލުމަށް ގޮވާލައި ޕެޓިޝަނެއް ދަނީ ތައްޔާރު ކުރަމުންނެވެ.
ނޯވޭގައި ހުންނަ ނޮބެލް ޕީސް ޕްރައިޒް ކޮމިޓީއަށް ހުށަހެޅުމަށް ސޮއިކުރަމުންދާ އެ އޮންލައިން ޕެޓިޝަންގައި މިހާތަނަށް 386،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވެއެވެ.
ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ޖަލުގައި އެތަކެއް ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހު، ސަލާމަތްވެ، މިހާރު މިޔަންމާގެ ވެރިކަންކުރާ ނޭޝަނަލް ޑިމޮކްރަޓިކް ލީގުގެ ރައީސާގެ މަގާމުގައި ހުންނެވި އާންގް ސަން ސޫކީއަށް ސުލްހައިގެ އިނާމު ދީފައިވަނީ 1991 ވަނަ އަހަރުއެވެ.
އޭނާއަށް އެވޯޑް ދީފައިވަނީ، މިޔަންމާގެ ކުރީގެ މިލިޓަރީ ލީޑަރުންނާ ދެކޮޅަށް ތެދުވެ ސުލްހަވެރިކަމާއެކު ޑިމޮކްރަސީ އަށާއި އިންސާނީ ހައްގުތަކަށް އޭނާ ކުރެއްވި މަސައްކަތުގެ އަގުވަޒަންކޮށެވެ.
ނަމަވެސް ދަރިފަސްކޮޅެއް ނެތިގެންދާއިރު ވެސް އެކަމާ ބަހެއް ވިދާޅުނުވެ މަޑުން ހުންނަވާތީ، ސޫކީއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.